ހެންވޭރު ހެދިގޮނޑުދޮށް ސަރަޙައްދުގައި ޢާންމު ފާޚާނާތަކާއި ފެންވަރާ ބައިތައް ފަދަ ތަންތަން ޒަމާނީ ފެންވަރަކަށް މަރާމާތުކުރެއްވުމަށްފަހު އަލުން ހުޅުއްވައިފިއެވެ. "ފެންދާނި" މި ނަމުގައި އަލަށް މަރާމާތުކުރެއްވި ޝަވަރ އޭރިއާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި އަރޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ހައުސިންގް މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒެވެ. އާޓިފިޝަލް ބީޗުގައި ހުރި ޕަބްލިކް ޝަވަރ އޭރިއާ ޒަމާނީ ފެންވަރަކަށް މަރާމާތުކުރީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިއު.އެސް.ސީއިންނެވެ. އެކުންފުނިން މި މަސައްކަތް ކޮށްފައިވަނީ އެކުންފުނީގެ އާންމު އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.ޒަމާނީ ބަދަލުތަކާއެކު އާޓިފިޝަލް ބީޗުގައި އަލަށް ޤާއިމުކުރި "ފެން ދާނި" ޝަވަރ އޭރިއާ ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރައްޔިތުންނަށް ހިތްފަސޭހަ ކަމާއެކު ވަގުތު ހޭދަކޮށްލެވޭނެފަދަ މާޙައުލެއް ޤާއިމުކޮށްދެއްވުމަށް ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ.މަރާމާތު ނުކުރެވި ގިނަ ދުވަސްތަކެއްވުމުގެ ސަބަބުން ހެންވޭރު އާޓިފިޝަލް ބީޗް ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ، މިހާރު މާލޭ ހުޅަނގު ފަރާތުގައި އަލަށް ތަރައްޤީކުރައްވާ އާޓިފިޝަލް ބީޗްގެ މަސައްކަތް ނިމުމާއެކު، ހެންވޭރު އާޓިފިޝަލް ބީޗް ސަރަޙައްދުވެސް ތަރައްޤީކުރެއްވުމަށް މިނިސްޓްރީން ޕްލޭންތަކެއް ހައްދަވާފައިވާކަމަށެވެ.(އާޓިފިޝަލް ބީޗް ސަރަޙައްދުގައި ހުރި ޝަވަރ އޭރިއާ މަރާމާތުކުރުމަށް ފަހު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެމް.ޑަބްލިއު.އެސް.ސީ)މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެކުންފުނީގެ ފަރާތުން މިފަދަ މަސައްކަތެއް ކުރުމުގެ މައިގަނޑު މަޤުސަދަކީ އާޓިފިޝަލް ބީޗް ސަރަޙައްދު ބޭނުންކުރާ އާންމުންނަށް ފަސޭހަ އަދި ފެންވަރު ރަނގަޅު ވަޞީލަތްތައް ޤާއިމުކޮށްދިނުންކަމަށެވެ. އެގޮތުން އަލަށް ޤާއިމުކުރި ޝަވަރ އޭރިއާގައި އަންހެނުން އަދި ފިރިހެންނަށް ވަކި ޝަވަރ އަދި ޗޭންޖިން ފެސިލީޓީ ވަނީ ޤާއިމްކޮށްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ވަކި ފެސިލީޓީއެއް އެކުލަވާލެވިފައިވާކަމަށް ފަޒުލް ވިދާޅުވިއެވެ. އާޓިފިޝަލް ބީޗުގައި ޝަވަރ އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތާއެކު އެ ސަރަޙައްދުގައި އިތުރު މަސައްކަތްތަކެއްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމް.ޑަބްލިއު.އެސް.ސީން ހާމަކުރެއެވެ. އެގޮތުން އާޓިފިޝަލް ބީޗުގައި އިތުރު ލައިޓްތައް ހަރުކުރުމާއި، އެ ސަރަޙައްދުގައި ބެހެއްޓިފައި ހުރި ބެންޗްތައް މަރާމާތުކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރައްވައެވެ.