އެގްރޯނެޓުން ގއ. ނިލަންދޫގައި ޤާއިމްކުރާ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެނަރޖީ މެނޭޖްމަންޓް ސިސްޓަމްއާއެވެ.
އެގްރޯނެޓްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދުއެވެ. އެނަރޖީ މެނޭޖްމަންޓް ސިސްޓަމްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު އަމީންއެވެ.
ރާއްޖޭގެ 9 ރަށެއްގައި އެގްރޯނެޓްގެ ކޯލްޑް ސްޓޯރޭޖްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު މަސައްކަތް ފެށިފައިވަނީ ލ.ގަން، ލ.އިސްދޫ، ފ. މަގޫދޫއެވެ. މީގެއިތުރުން 3 ރަށެއްގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ވަނީ ބިޑައް ހުޅުވާލާފައެވެ. އެއީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ރ.ކިނޮޅަހެވެ. މީގެއިތުރުން ދެން ކޯލްޑް ސްޓޯރޭޖް ޤާއިމްކުރަނީ ނ.މަނަދޫ، ގއ.ނިލަންދޫ، ސ.ހުޅުމީދޫއެވެ.
ގއ. ނިލަންދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެގްރޯނެޓް އޮފީހާ ގުދަން ހިމެނޭ އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްއާ އެކު އިއްޔެގައި ވަނީ ސޮއި ކުރެވިފައި. @MoFMRAmv @MoEDmv @mfmc_mv @faya_i @HaroonRshdh @Fulhu_2642 @psmnewsmv pic.twitter.com/ndUSzNO0Nq
— AgroNat (@agronationalmv) December 29, 2021
އެގްރޯނެޓުން ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޯރޭޖް ޤާއިމްކުރުމުން އެސަރަހައްދުތަކުގެ ދަނޑުވެރިން ހައްދާތަކެތި ގެންދާނީ އެތަންތަނަށްކަމަށެވެ. އަދި އެ ސަރަހައްދުތަކުން ތާޒާކަމާއެކު ރިސޯޓްތަކަށާއި ވިޔަފާރިތަކަށް ހޯލްސޭލްކުރާނެކަމަށެވެ. މި ކޯލްޑް ސްޓޯރޭޖްތަކުގެ ސަބަބުން ތާޒާކަމާއެކު ދަނޑުވެރިންގެ އުފެއްދުންތައް މާކެޓްކުރެވޭނެ ކަމަށް އެގްރޯނެޓުން ބުނެއެވެ.
ރާއްޖޭގެ ދަނޑުވެރިކަން ކުރިއެރުވުމަށް އެގްރޯނެޓުން އަންނަނީ ދަނޑުވެރިންނާއިއެކު ކޮންޓްރެކްޓް ފާމިންގ މަޝްރޫއު ކާމިޔާބުކަމާއިއެކު ހިންގަމުންނެވެ. މި މަޝްރޫއުގައި މިހާރު 700 އަށްވުރެ ގިނަ ދަނޑުވެރިންނާއިއެކު ވަނީ ސޮއިކޮށްފައެވެ.