މަންޓާ ވިންގްސް ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްފިއެވެ. މި ޕްރޮގްރާމް ލޯންޗްކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއާއި މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ޚަލީލެވެ.
މަންޓާ ވިންގްސް ޕްރޮގްރާމަކީ އޭވިއޭޝަން ދާއިރާއަށް މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ރާއްޖޭގެ އެކިއެކި ދާއިރާތަކަށް މީހުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާއާއި އޭވިއޭޝަން ދާއިރާ އަދި ސިއްހީ ދާއިރާގައި މީހުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް އެބަދޭންޖެހޭކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، އޭވިއޭޝަން ދާއިރާ ރާއްޖޭގައި ފުޅާވެގެންދިއުމަކީ އޭގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށްވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމެއްކަމަށެވެ. އަދި މިއީ ފުރުސަތުތައް ގިނަ ދާއިރާއެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ އޭވިއޭޝަން ދާއިރާ ފުޅާވެގެން ދިއުމާއެކު ވަރަށްބޮޑަށް ފަސޭހަވެ ވިޔަފާރި ޚާއްސަކޮށް އިކޮނޮމީ ކުރިއެރުވުމަށްވެސް އޭގެ ސަބަބުން ވަރަށް ފުޅާ ފުރުސަތުތަކެއް ލިބިގެންދިޔަތަން. މީގެތެރޭގައ ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަންގައި ދިވެހިރާއްޖެ މިވަނީ މުޅި ދުނިޔެއަށްވެސް ނަމޫނާ ދައްކަވާފައި. އަޅުގަނޑުމެންނަށް މިއަދު މަންޓާއެއަރ 3 އަހަރު ގުނަމުންދާއިރު މިފެންނަނީ ކުރިއެރުންތަކުގެ ތެރެއިން ޚާއްސަކޮށް ސީޕްލޭން އޮޕަރޭޝަން ފުޅާވެ އެކަންތައްތައްވެސް ކުރިއަށްދާތަން." ނައިބު ރައީސް ވިދާޅުވިއެވެ.
މަންޓާ ވިންގްސް ޕްރޮގްރާމްއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މަންޓާ އެއަރގެ ސީއީއޯ މުޙައްމަދު ޚަލީލު ވިދާޅުވީ، މިއީ އޭވިއޭޝަން ދާއިރާއަށް ޤާބިލް ޒުވާނުން ނެރުމަށް އެ ކުންފުނިން ފަށާވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. ދިވެހިން މި ދާއިރާއަށް ނެރުމަކީ މަންޓާ އެއަރއިން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަންޓާގައި މަސައްކަތްކުރާ %75 މުވައްޒަފުންނަކީ ދިވެހިންކަމަށެވެ.
"މި ކުންފުނީގެ ފަރާތުން މިއަދު މި އިފްތިތާހުކުރާ މަންޓާ ވިންގްސް ޕްރޮގްރާމްއަކީ ދިވެހި ޒުވާނުން މި ޕްރޮގްރާމްއަށް ނެރުމަށްޓަކައި ހުޅުވިގެންދާ އައު ދޮރެއް. މި ފަށާ ޕްރޮގްރާމްއަކީ އަޅުގަނޑުމެންގެ އެންމެ އިސް އެއް މަޤްސަދުކަމަށްވާ އިޙްލާސްތެރި ހީވާގި މަސައްކަތްތެރިން ކެރޭ ޒުވާނުންތަކެއް އުފައްދާ، ޒުވާނުން ހަރުދަނާ ބަޔަކަށް ހެދުމަށް ފަށާ ޕްރޮގްރާމެއް." މުޙައްމަދު ޚަލީލު ވިދާޅުވިއެވެ.
މި ހަފްލާގައި ވަނީ މަންޓާ ވިންގްސް އެންރޯލްމަންޓް ސެޓްފިކެޓް ބައިވެރިންނަށް ޙަވާލުކޮށްފައެވެ. މަންޓާ ވިންސް ޕްރޮގްރާމްގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ 10 ބައިވެރިންނާ އެކުގައެވެ. ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ. ޢަމަލީ މަސައްކަތުގައި ބައިވެރިވެ ތަޖްރިބާ ހޯދުމުގެ އިތުރުން މި ބައިވެރިންނަށް ބޭނުންވާ ފަންނީ ތަމްރީން ދިނުމަށް އެކިއެކި ޓްރެއިނިންވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް މަންޓާ އެއަރއިން ބުނެއެވެ.