އެންޓި-ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ މެމްބަރުން ވަކިކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވަނިކޮށް ކޮމިޝަންގެ މެމްބަރުން މަޤާމުން އިސްތިއުފާ ދީފިއެވެ.
އޭސީސީގެ މިހާރު ތިއްބެވި 3 މެމްބަރުން ކަމަށްވާ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާއާއި، ނާއިބު ރައީސް ފާޠިމަތު އަނޫލާގެ އިތުރުން މެންބަރު ޢާއިޝަތު ޢަބްދުﷲ ވަނީ މިއަދު އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. އޭސީސީގެ މެމްބަރުން އިސްތިއުފާ ދެއްވާފައި މިވަނީ މެމްބަރުންގެ މަސައްކަތްތަކާއި ގުޅޭގޮތުން އެކުލަވާލި އޮޑިޓް ރިޕޯޓަށް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މެމްބަރުންނަށް ޖަވާބުދާރީވާން ފުރުސަތުދީ އެއަށްފަހު މެމްބަރުން ވަކި ކުރުމަށް އިއްޔެ ނިންމާފައި ވަނިކޮށެވެ.
އޭސީސީ މެމްބަރުންގެ ޕާފޯމަންސް އޮޑިޓާއި ގުޅިގެން މެމްބަރުން ވަނީ އިއްޔެ ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ވަނީ ކޮމިޝަނުން ބޮޑެތި ގޮންޖެހުންތަކާއެކު ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ރިޕޯޓުގައި އެކަން ފާހަގަކޮށްފައި ނުވާކަމަށެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވިދާޅުވީ އޭސީސީއަށް އައު މެންބަރުން ލެއްވިތާ 2 އަހަރާއި ބައި ފާއިތުވެގެން ދިޔައިރު ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ދެވިފައިވާކަމަށެވެ. އެގޮތުން 9 ފަހަރެއްގެ މަތިން އޭސީސީގެ މެންބަރުން ކޮމިޓީއަށް ހާޒިރުކުރުމުން، އެ ކޮމިޝަންގެ މައްސަލަތައް ނިންމަން ކަނޑައަޅާފައިވާ މުއްދަތުތަކާއި މައްސަލަތައް ކޮމިޓީއާއި ހިއްސާކުރި ނަމަވެސް ކޮމިޓީން އެ މައްސަލަތައް ނިންމަންދިން މުއްދަތުގައިވެސް އެކަށީގެންވާ ކުރިއެރުންތަކެއް ކޮމިޝަނަށް ހޯދިފައިނުވާ ކަމަށް ކޮމިޓީގެ ގިނަ މެންބަރުން ފާހަގަކުރެއްވިއެވެ.
އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުން ފަށާފައިވަނިކޮށް އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ 2 މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ އިބްރާހީމް ޝަކީލް އާއި އަލީ އަޝްރަފްއެވެ. އަދި ކޮމިޝަންގެ ބާކީ ތިއްބެވި ތިން މެމްބަރުން މިއަދު މިވަނީ އިސްތިއުފާ ދީފައެވެ.