ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗު ސަސް އިން ކާމިޔާބުކުރީ 1-3 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާފައިވަނީ ސުޕަރ ޔުނައިޓެޑް ސްޕޯޓްސް ކްލަބުންނެވެ. މި ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި ސަސް އަށް ކާމިޔާބުކޮށްދިނީ އައިހަމް އަޙުމަދުއެވެ. އަދި ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ތެރޭގައި އިބްރާހީމް އަތީގް ޙަސަން ވަނީ ސަސް އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީ، ލީޑު ފުޅާކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ފަށައިގެން ޓީސީން ވަނީ ކުޅުން ރަނގަޅުކޮށް ސަސްގެ ގޯލަށް ނުރައްކާކުރަން ފެށިއެވެ. ޓީސީން މި މެޗުގައި ޖެހި ފުރަތަމަ ލަނޑަކީ ގޯލު ކުރިމަތިން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތޮލާލް ހަސަންއެވެ. އޭނާ މި ލަނޑު ކާމިޔާބުކޮށްދިނީ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެންނެވެ. ޓީސީން ލަނޑެއް ޖެހިތާ 7 މިނެޓު ފަހުން އަނެއްކާވެސް ސަސް އިން ވަނީ ލަނޑެއް ޖަހައި 2 ލަނޑުގެ ލީޑު ދަމަހައްޓާފައެވެ.
މި ލަނޑު ކާމިޔާބުކޮށްދިނީ މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދި އަތީގުއެވެ. 1-3 ގެ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް ޓީސީއަށް ވަނީ ޕެނަލްޓީއެއް ވެސް ލިބިފައެވެ. ނަމަވެސް ހަސަން އީނާޒް ފޮނުވާލި ޕެނަލްޓީ ސަސްގެ ކީޕަރ މުޙައްމަދު ޝަފީއު ވަނީ ދިފާޢުކޮށްފައެވެ.
މި މުބާރާތުގައި ސަސް ކުޅުނު ފުރަތަމަ މެޗުުގައި ނުކުތީ މާޒިޔާ އާއި ދެކޮޅަށެވެ. އެ މެޗުގައި މާޒިޔާ އަތުން ސަސް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.