ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތުގައި ޓީސީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ރަނގަޅު ނަތީޖާއަކުން ފެށުންއެއީ ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނެފިއެވެ.
އެންމެ ފަހުން މުބާރާތުގައި ޓީސީ ކުޅުނު މެޗަށްފަހު ވާހަކަދައްކަމުން ނިޒާމް ބުނީ އީގަލްސް ކަހަލަ އުނދަގޫ ޓީމެއް ކައިރީ ޓީސީގެ ކުޅުންތެރިން ޚާއްސަކޮށް މުޅިން އަލަށް ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ. ނިޒާމް ބުނީ ކުރިން ވެސް އުންމީދުކުރި އެއް ކަމަކީ ކުޅުމަށް ބަލާއިރު، އެންމެ ރަނގަޅަށް ނުކުޅެވޭނެކަން ކަމަށެވެ. އެކަން އެ ގޮތަށް ދިޔަ އެއް ސަބަބަކީ ޕްރެޝަރުގައި ކުއްލިއަކަށް ކުޅެން އުނދަގޫވުން ކަމަށާއި ހިތްހަމަ ޖެހުމަކީ ކުރިއަށްދާން ބަލާއިރު، ރަނގަޅު ނަތީޖާ އަކުން ފެށުން ކަމަށެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހަތް ވަރަކަށް މަހުގެ ބްރޭކަކަށް ފަހު ނުކުތްއިރު، ފުރަތަމަ މެޗުތަކަށް ބަލާއިރު، ފެންނަ މަންޒަރަކީ ތަޖުރިބާކާރު ކުޅުންތެރިންގެ ވެސް މެޗު ފިޓްނަސް ދަށްވުމުގެ މައްސަލަ ކަމަށް ނިޒާމް ބުންޏެވެ.
"އަލަށް ދަނޑަށް ނުކުތް ކުޅުންތެރިންނަށް ވަރަށް ބޮޑު ކޮންފިޑެންސެއް މި ލިބިގެންދިޔައީ. އެ ކުޅުންތެރިންނަށް ހެދުނު ގޯސްތައް ރަނގަޅުކުރަން މި މެޗުން ބަލިނުވެ މޮޅަކާ އެކު ނިންމާލެވުން އެއީ ވެސް ހިތްހަމަޖެހުމެއް،" މެޗަށްފަހު ނިޒާމް ބުންޏެވެ.
އެންމެ ފަހުން ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ދެ މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބުން ކުޅުނީ ކޯޗު މުޙައްމަދު ނިޒާމްގެ އިރުޝާދުގެ ދަށުންނެވެ.