ނ. މަނަދޫގައި ހުންނަ ނ.އަތޮޅު މަދަރުސާ ގެ 3 ބުރީގެ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މީގެ އިތުރުން ހދ.ކުމުންދޫ ސްކޫލާއި ށ.ފުނަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެސްކޫލްތަކަށް ކްލާސް ރޫމް އިތުރު ކުރުމުގެ މަސައްކަތްވެސް ވަނީ ހަވާލުކޮށްފައެވެ. މިމަސައްކަތުގެ އެއްބަސްވުމުންތަކުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒްއެވެ.
މަސައްކަތް ހަވާލުކުރި ސްކޫލްތަކުގެ ތެރެއިން ނ.އަތޮޅު މަދަރުސާގެ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ޔާސީން ނަޢީމްއެވެ. 15 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށްވަނީ ކަނޑައަޅާފައެވެ..
ހދ.ކުމުންދޫ ސްކޫލްގެ 12 ކްލާސްރޫމް އިމާރާތް ކުރުމަށް ހަވާލުކޮށްފައިވަނީ ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިސްމާޢިލް ޖަލީލްއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި މަސައްކަތަށް 12 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.
މީގެ އިތުރުން ށ.ފުނަދޫ ސްކޫލްގެ 15 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްވިޕްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެވެ. 15 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މި މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 360 ދުވަހެވެ. މި އެއްބަސްވުމުގައި އެ ކުންފުނިން ސޮއިކުރީ ކުންފުނީގެ ޑިރެކްޓަރ މުޙައްމަދު ޒުބައިރުއެވެ.
ސަރުކާރުގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ފުރިހަމަ ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމަށްޓަކައި ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމުގެ ގޮތުން އިތުރު ކްލާސްރޫމްތައް އެޅުމުގެ މަސައްކަތްތައް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ.