ވިޔަފާރި

މަހުގެ އުފެއްދުންތައް އުފައްދާނެ މީހުން ތަމްރީންކުރަން މިފްކޯއިން އެހީވަނީ


މަހުން އުފައްދާ އުފެއްދުންތަކުގެ ތެރެއިން އަގު އެއްކުރި އެއްފެއްދުންތައް ތައްޔާރުކުރަން ދަސްކޮށް ދިނުމަށް ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގައި މިފްކޯއިން އެއްބާރުލުންދޭން ނިންމައިފިއެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށްދާނީ ގއ.ގެމަނަފުށީގައެވެ. ތަމްރީނު ޕްރޮގްރާމުގައި 2 ޖިންސުގެ މީހުންނަށްވެސް ބައިވެރިވެވޭނެއެވެ.

މިފްކޯއިން ވިދާޅުވީ ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއާއެކު ވެވުނު މި އެއްބަސްވުމުގެ ބޭނުމަކީ އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަގު އެއްކުރި، މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމުގައި މިފްކޯގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން ފޯރުކޮށް ދިނުންކަމަށެވެ.

މި ތަމްރީނު ހަރަކާތްތަކުން ބައިވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޢަމަލީގޮތުން ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް ކުރިއަށްގެންދިއުމަށް މިފްކޯގެ ފަންނީ އެހީތެރިކަން ލިބޭނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގައި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކޮށް ގިނަ ދުވަހު ގެންގުޅެވޭނެ އުކުޅުތަކާއި ވިޔަފާރި އުސޫލުން ގޭގައި އުފައްދާ ކާބޯތަކެތި ތައްޔާރުކުރުމުގައި ގެންގުޅޭނެ މިންގަނޑުތައް ދަސްކޮށްދެވޭނެކަމަށް ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ބުނެއެވެ. މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22އިން 25އަށެވެ.

މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ މީހުންގެތެރެއިން ބައިވެރިއަކަށް އިތުރު ތަމްރީނު ދިނުމުގެ ގޮތުން މިފްކޯގެ ކަނޑުއޮތްގިރީގެ މަސްބަންދުކުރާ ކާރުޚާނާގައި 2 ދުވަހުގެ ތަމްރީނު ދެވޭނެއެވެ. އަދި މީގެއިތުރުން އެބައިވެރިއަކު އުފައްދާ ބާވަތެއް ބާޒާރަށް ނެރުމަށް ބޭނުންވާ ސާމާނު ހިލޭ ފޯރުކޮށްދީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޯތެންޓިކް މޯލްޑިވްސް ފިހާރަތަކުގައި އެ އުފެއްދުމެއް ވިއްކޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމުގައި ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއާއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.