ކުޅިވަރު

ޓީމު އޮތީ އެންމެ ރަނގަޅަށް ތައްޔާރުވެފައި: އިންމަ


ޕްރެޒިޑެންޓް ކަޕުގެ ފުރަތަމަ މެޗާ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުރިމަތިލާއިރު ސީޒަނަށް ޓީމު އޮތީ ވީއެންމެ ރަނގަޅަކަށް ތައްޔާރުވެފަކަމަށް އެޓީމުގެ ކޯޗު އިސްމާޢީލް މަހްފޫޒް (އިންމަ) ބުނެފައެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އިންމަ ބުނީ މި ސީޒަނަށް ސަސް އިން ނުކުތީ ބޮޑަށް ދިވެހި ޕްރިމިއާ ލީގަށް ޓާގެޓެއް ކަނޑައަޅައިގެން ކަމަށެވެ. އިންމަ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ގިނަ ޓީމުތަކުގެ ވިސްނުންމަކީ ލީގުގެ ކުރިން ޕްރީސީޒަންގެ މުބާރާތެއް ގޮތުގައި ޕްރެޒިންޑެންޓް ކަޕުގައި ނެގުން ކަމަށާއި ސަސްގެ ވިސްނުމަކީވެސް އެއީކަމަށެވެ.

ރަނގަޅު ޕްރީ ސީޒަނެއް ގެންދަން ސަސް އަށް ދިމާވި މައްސަލަތަކެއްގެ ގޮތުގައި އިންމަ ފާހަގަކުރީ ކްލަބުގައި ހުރި ބައެއް އަމިއްލަ ކަންކަން ރަނގަޅު ކުރުމާއި އޮފީހުގައި އުޅޭ ބައެއް ކުޅުންތެރިން ރިލީސް ނަގައިގެން އެކި މުބާރާތްތަކުގައި ކުޅުން ކަމަށެވެ. އިންމަ ސަސް ގޮވައިގެން ކުޅޭ ފުރަތަމަ މެޗުގައި އޭނާ ކުރިން ދެ ފަހަރެއްގެ މަތިން މަސައްކަތްކުރި މާޒިޔާއާ ކުޅެން ޖެހޭއިރު، އިންމަ ބުނީ މާޒިޔާ އަށް އޮތް އެޑްވާންޓޭޖްތައް ގިނަ ކަމަށެވެ. މެނޭޖްމަންޓުން ކަނޑައަޅާފައިވާ ޓާގެޓަކީ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ތިން ޓީމުގެ ތެރޭގައި ހިމެނުން ކަމަށް އެހެންކަމުން ފޯކަސް ހުރީ އެކަމަށް ކަމަށް އިންމަ ވަނީ ބުނެފައެވެ.

"ޕްރެޒިޑެންޓްސް ކަޕަށް ކުރިމަތިލިއިރު، ހިތްހަމަ ޖެހޭ ވަރަކަށް ދުވަސްތަކެއް ޕްރެކްޓިސް ކުރާކަށް ފުރުސަތެއް ނުލިބޭ، އެކަަމަކު، ވީވަރަކުން އެންމެ ރަނގަޅަށް މިހާރު ޓީމު ތައްޔާރުވެފައި މި އޮތީ،" މި ސީޒަނުގައި ސަސްއާ ހަވާލުވި އިންމަ ބުންޏެވެ.

މެޗު ކުޅެފައި އޮތުމަކީ ވެސް ސަސްއާ ދެކޮޅަށް ނުކުންނައިރު، މާޒިޔާ ކޮޅަށް އޮތް އެޑްވާންޓޭޖެއްގެ ގޮތުގައި އިންމަ ދެކެއެވެ. މާޒިޔާ އާއި ސަސް ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރެވެ.