ވިޔަފާރި

އެފްއެސްއެމްއިން ޑިސެންބަރު މަހުގެ މުސާރަ ދޭނީ މިނިމަމް ވޭޖާއި އެއްގޮތަށް


ފިއުލް ސަޕްލައި މޯލްޑިވްސްގެ މުވައްޒަފުންގެ މުސާރަ މިޑިސެމްބަރ މަހު ލިބޭނީ މިނިމަމް ވޭޖާއި އެއްގޮތަށް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ގަސަމް ވިދާޅުވީ، ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލުކުރުމަށް އެފްއެސްއެމްއިން މިހާރު ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެފައިވާކަމަށެވެ. އެގޮތުން މިޑިސެމްބަރ މަހުގެ މުސާރަ މުވައްޒަފުންނަށް ލިބޭނީ މިނިމަމް ވޭޖްގައި ކަނޑައަޅާފައިވާ ގޮތައްކަން ފާހަގަކުރައްވައި ގަސަމް ވިދާޅުވީ، އެކަމަށްޓަކައި ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސް ނިމިފައިވާކަމަށެވެ.

"ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް އަމަލުކުރުމަށް އެފްއެސްއެމްއިން މިވަނީ ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމިފައި. އެގޮތުން ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖަށް ގެންނަ ބަދަލާއިއެކު އެފްއެސްއެމްގެ 185 މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ. މިމަހު މުސާރަ ދޭނީ މިނިމަމް ވޭޖްގައި ކަނޑައަޅާފައިވާ ގޮތާއި އެއްގޮތަށް." ގަސަމް ވިދާޅުވިއެވެ.

ސަރުކާރުން ކަނޑައެޅި މިނިމަމް ވޭޖްގެ އުސޫލަށް އެންމެ ފުރަތަމަ އަމަލުކުރަންފެށި ކުންފުންޏަކީ އެސްޓީއޯއެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިނިމަމްވޭޖާއެކު މުވައްޒަފުންނަށް މުސާރަ ދިނުމައްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 600 މިލިޔަން ރުފިޔާ ސަރުކާރުންވަނީ ހިމަނާފައެވެ.