ކުޅިވަރު

ކަރުނަޔާއެކު އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


ހިތުގެ މައްސަލައެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ ބާސެލޯނާ ދަނޑުގައި ބޭއްވި ޚާއްސަ އިވެންޓެއްގައެވެ. އަގުއޭރޯއާއެކު މި އިވެންޓުގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ބައިވެރިވެވަޑައިގެންނެވިއެވެ. އަގުއޭރޯ ރިޓަޔާކުރީ އޭނާ އަށް ދިމާވި ހިތުގެ މައްސަލަތަކުގެ ސަަބުންނެވެ. އަގުއޭރޯ ބުނީ ބާސެލޯނާ އަށް އައީ ވަރަށް ފޮނި އުއްމީދުތަކަކާ އެކީ ކަމަށާއި އެކަމަކު، ބޭނުންވި ކަންކަން ފުރިހަމަ ނުވެ ދާން ޖެހުނު ކަމުގައި ވިޔަސް އެ ކްލަބުން ބެހެއްޓި ގާތްކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ.

އަގުއޭރޯ ވަނީ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާއެކު 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން 28 އަހަރަށް ފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބު ކުރި ޓީމުގައި ހިމެނިފައެވެ. އާޖެންޓީނާއިން ކާމިޔާބުކުރީ މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. އަދި އަގުއޭރޯ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދިޔަ އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ.

އާޖެންޓީނާގެ ކްލަބް، އިންޑިޕެންޑިއޭޓުން ވިދާލި އަގުއޭރޯ ޔޫރަޕްގައި ފުރަތަމަ ކުޅުނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމަށް 2010 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވި އަގުއޭރޯ ވަނީ އެ ޓީމަށް ކުޅެދިން 234 މެޗުން 101 ގޯލު ޖަހައިފައެވެ. މެންޗެސްޓާ ސިޓީން އަގުއޭރޯގެ ސޮއި ހޯދީ 2011 ވަނަ އަހަރު 44 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފައެވެ.

ސިޓީން 44 އަހަރުކޮށްފައި، 2011-2012 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދި ގޯލު ޖެހި އަގުއޭރޯ ވަނީ އެ ކްލަބަށް 10 އަހަރު ސިޓީ 390 މެޗުން 260 ގޯލު ޖަހައިދިންއިރު، އޭގެ ތެރޭގައި 16 ހެޓްރިކް އޭނަ ވަނީ ހަދާފައެވެ. ސީނިއާ ފުޓްބޯޅަ ކެރިއަރުގައި ކްލަބްތަކާއި ގައުމީ ޓީމުތަކަށް ކުޅުނު މެޗުތަކުގައި އަގުއޭރޯ ވަނީ 786 މެޗުން 427 ގޯލު ޖަހައިފައެވެ.