ކުޅިވަރު

ހާލަންޑުގެ ދެލަނޑުން ޑޯޓްމަންޑް ފަރަގު ކުޑަކޮށްފި


އާލިން ބްރައުޓ ހާލަންޑް ކާމިޔާބުކުރި ދެލަނޑާއެކު ބްރޫޝިޔާ ޑޯޓްމުންޑުން ޖަރުމަނު ލީގުގެ ކުރީގައިވާ ބަޔާންއާ އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ޑޯޓްމުންޑް މޮޅުވީ އަމިއްލަ ދަނޑުގައި ކުޅެ ގްރޭތާ ފޫޓް ވާދަކޮށް 3-0 ލަނޑުންނެވެ. މެޗުގެ ފުރަތަމަހާފުގެ 33 ވަނަ މިނިޓުގައި ހާލަންޑް ލަނޑުޖަހައި ލީޑު ނަގައިދިން އިރު ޑޯޓްމުންޑުގެ ދެވަނަ ލަނޑު ލިބުނު ޕެނެލްޓީއަކުން ހާލަންޑް ކާމިޔާބުކޮށްދިނީ މެޗުނިމެން 8 މިނިޓަށް ވެފައިވަނިކޮށެވެ. މެޗުގައި ޑޯޓްމުންޑުން ޖެހި ތިންވަނަ ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ އެންމެ ފަހު މިނިޓުގައި މަލެންސެވެ.

މި ނަތީޖާއެކު ޑޯޓްމުންޑް ތާވަލުގެ ދެވަނައިގައި އޮތީ ކުރީގައިވާ ބަޔާން މިއުނިކަށް ވުރެ ހަޕޮއިންޓު މަދުން ހޯދައިގެންނެވެ. ކުޅުނު 16 މެޗުން ހޯދި 34 ޕޮއިންޓާއެކު ޑޯޓްމުންޑް ވަނީ ފަރަގު ކުޑަކޮށްފައެވެ. ތާވަލުގައި ތިންވަނައިގަވާ ލެވަކޫސަން އާއި ހަތަރު ވަނައިގަވާ ހޮފެންހަމް ވާދަކުރި މެޗު ވަނީ އެއްވަރުވެފައެވެ. ލެވަކޫސަންގެ އަމިއްލަ ދަނޑުގައި ކުޅުނު ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ. ހޮފެންހަމަށް ވުރެ އެއްޕޮއިންޓް އިތުރަށް ހޯދައިގެން ލެވަކޫސަން މިވަގުތު އުޅެނީ ތާވަލުގެ ތިންވަނައިގައެވެ.

ރޭގައި ލީޕްޒިގް ވަނީ ރަށުން ބޭރުގައި ކުޅެ އޮގްސްބާގް އަތުން އެއްވަރުވެފައެވެ. އަދި ރަށުން ބޭރުގައި ކުޅެ ފްރެންފާޓް ވަނީ މޮންޗެންގްލެބެކް މައްޗަށް ކުރިހޯދާފައެވެ.