ކުޅިވަރު

ކާމިޔާބު ހޯދަން ކުޅުންތެރިން ތިބީ ފެންބޮވައިގަނެފައި : މޯހަން


އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ކްލަބް ވެލެންސިއާ ބަލިކޮށް ޝީލްޑް ކާމިޔާބުކުރަން މާޒިޔާ އޮތީ ފެންބޮވައިގަނެފައި ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗުގެ ކުރިން ވާހަދައްކަމުން މޯހަން ބުނީ މާދަމާރޭގެ މެޗު ކާމިޔާބު ކުރެވިއްޖެނަމަ އެއީ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ ކަމަށެވެ. ޝީލްޑް މެޗުން މާޒިޔާ ސީޒަނަށް ތައްޔާރުވެފައި އޮތް މިންވަރު ވަޒަންކޮށްލެވުމުގެ އިތުރުން މި މެޗުން މޮޅުވެއްޖެނަމަ މުޅި ޓީމަށް އިތުބާރު ލިބޭނެ ކަމަށް މޯހަން ގަބޫލުކުރެ އެވެ. މޯހަން ބުނީ މާޒިޔާ އޮތީ މި ފަަހަރު ކާމިޔާބު ހޯދަން ތައްޔާރުވެފައި ކަމަށެވެ.

މާޒިޔާ އިން ވަނީ މި ފަހަރުގެ ސީޒަނަށް ތައްޔާރުވާން ނ. އަތޮޅު ކެނދިކުޅުދޫގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް މާޒިޔާއާ ގާތަށް ލީގުގައި ވާދަކުރާ އެއްވެސް ޓީމަކަށް ތައްޔާރުނުވެވެ އެވެ. މޯހަން ބުނީ އެހެން ޓީމުގެ ތައްޔާރީތަކާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ. އެކަމަކު، އެންމެ ރަނގަޅަށް ތައްޔާރުނުވެ އޮތް ޓީމުތަކާ ކުޅޭއިރު، ސަމާލުވާން ޖެހޭނެ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

"ޓީމެއްގެ ގޮތުގައި ތައްޔާރުވުން ވެސް އެއީ ލިބޭ ހިތްހަމަޖެހުމެއް. ދެން އިންނާނީ އަނެއް ކޮޅު. އެއީ ޕްރެޝަރު. އެއީ ކޮންމެ ގޮތެއް ވިޔަސް ތައްޔާރުވާ ޓީމެއް މޮޅުވާން މާ ބޮޑަށް އެދޭނެ. ތައްޔާރުނުވެ އަންނަ ޓީމަކަށް އެ ޕްރެޝަރު އެހާ ބޮޑެއް ނުވާނެ،" މޯހަން ބުންޏެވެ.

މޯހަން ބުނީ ފުޓްބޯޅައިގެ ހިތްހަމަ ޖެހުމަކީ ޕްރެޝަރު ތެރެއިން ކާމިޔާބު ހޯދުން ކަމަށާއި އެހެންވެ އޭނާ އަމިއްލަ އަށް ވެސް ޕްރެޝަރު ނަގާ ކަމަށެވެ. މާޒިޔާ އަކީ ކޮންމެ މުބާރާތެއްގެ ވެސް ތަށްޓައް ފޯކަސް ކޮށްފައި އޮތް ޓީމެއް ކަމަށްވާއިރު، އެ ޓީމަށް އިރުޝާދުދޭން އޮންނަ ކޯޗަކަށް އޮންނާނެ ޕްރެޝަރަކީ ވެސް ކާމިޔާބީގެ މަގުގައި އެ ޓީމު ބޭއްވުމެވެ. މޯހަން ބުނީ އިދިކޮޅަށް ނުކުންނަ ޓީމެއްގެ ހާލަތަށް ބަލައި މާޒިޔާ ކުޅުންތެރިން މެޗުތައް ފަސޭހަނުކޮށްލާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އެބައޮތް ކަމަށެވެ.

"އަޅުގަނޑު އަމިއްލަ އަށް ވެސް ޕްރެޝަރު ދެން. އެއީ އަޅުގަނޑަށް ކޮންމެ ޕްރެކްޓިހަކަށް ވެސް ސީރިއަސްވެ ތައްޔާރު މިވެވޭ ސަބަބަކީ. ކާމިޔާބު ހޯދަން ބޭނުންވާތީ،" ކުރިން ނިއު ރޭޑިއަންޓަށް ލީގު ހޯދައިިދިން ކޯޗު ބުންޏެވެ.

މޯހަން ބުނީ މާޒިޔާ ޓީމުގައި ވެސް އޮތީ ގައުމީ ޓީމުގެ ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ މަސްހުނި ޓީމެއް ކަމަށެވެ. އެކަމަކު، ވެލެންސިއާގައި ތިބި ފަޅި ފުރުސަތެއް ލިބުނަސް ގޯލެއް ޖަހާލެވޭވަރުގެ ނުރައްކާ ކުޅުންތެރިންނަށް ސަމާލުވާނެ ކަމަށް މޯހަން ބުންޏެވެ.

މާޒިޔާ އިން ވަނީ މިހާތަނަށް ތިން ފަހަރު ޝީލްޑް އުފުލާލައިފަ އެވެ. އެންމެ ގިނައިން ޝީލްޑް ކާމިޔާބުކުރުމުގެ ރެކޯޑް އޮތީ މާޒިޔާ އާއި ވީބީ އަތުގަ އެވެ. މިދިޔަ ސީޒަނުގައި މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އިން ވަނީ މާޒިޔާ ފަހަތުން އަރައި ބަލިކޮށް ޝީލްޑް ކާމިޔާބުކޮށްފަ އެވެ.