ވިޔަފާރިކުރާ ބައެއް ފަރާތްތަކުން އެންމެ ރަނގަޅަށް
ވިޔަފާރި ހިސާބު ނުބަލަހައްޓާކަމަށާއި ދައުލަތަށް ލިބެންޖެހޭ ޓެކްސް،
މިކަމުގެ ސަބަބުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ނުލިބޭކަމަށް މޯލްޑިވްސް
އިންލެންޑް ރެވެނިއު އޮތޯރިޓީން ހާމަކުރައްވައިފިއެވެ. ޕީއެސްއެމަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ
ޑިރެކްޓަރ ޖެނެރަލް ކޮމްޕްލެއިން މުޙައްމަދު ޝާހިދު ވިދާޅުވީ،
ރަނގަޅަށް ހިސާބު ބަލަހައްޓަމުން ނުދާ ފަރާތްތައް 2016 ވަނަ އަހަރުގެ ޖެނުއަރީ އެކަކުން ފެށިގެން ޖޫރިމަނާކުރައްވާނެކަމަށެވެ.
ޝާހިދު ވިދާޅުވިގޮތުގައި ޖީއެސްޓީ ނުވަތަ މުދަލާ
ޚިދުމަތުގެ އަގުން ނަގަމުންދާ ޓެކުހުގެ ހިސާބުތައް ރަނގަޅަށް ނުބަލަހައްޓާ
ފަރާތްތަކާމެދު މި ފެށޭ ޖަނަވަރީމަހުގެ އެއްވަނަދުވަހުން ފެށިގެން ފިޔަވަޅު
އަޅުއްވާނެކަމަށެވެ. އެއިދާރާއިން ވިދާޅުވިގޮތުގައި ޖީއެސްޓީ
ތަޢާރަފްކުރެއްވުމުން، ވިޔަފާރިތަކަށް ޒިޔާރަތްކުރައްވައި ޓެކުހުގެ ހިސާބުތައް
ބަލަހައްޓާނެގޮތުގެ މަޢުލޫމާތު އެފަރާތުން ވަނީ ދެއްވާފައެވެ. އަދި ވިޔަފާރިތަކަށް
ވިޔަފާރި ރެކޯޑު ބަލަހައްޓާނެ ގައިޑުތަކާއި ޖީއެސްޓީގެ ހިސާބު ރަނގަޅަށް
ބެލެހެއްޓުމަށްޓަކައި ކުރަންވީ ކަންކަންވެސް ވަނީ ވިދާޅުދެއްވާފައެވެ. އަދި
އެކަންކަން ރަނގަޅުކުރުމަށް އެފަރާތްތަކަށް ފުރުޞަތުތަކެއްވެސް ވަނީ ދެއްވާފައެވެ.
އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން
ވިޔަފާރިތަކުގެ ތެރެއިން ހިސާބުތައް ރަނގަޅަށް ބަލަހައްޓަމުން ނުދާ ފަރާތްތަކާމެދު
ފިޔަވަޅު އެޅުއްވުމުގެ މަރުޙަލާ އައު އަހަރުގެ ކުރީކޮޅު އަޅުއްވަން
ފަށްޓަވާނެކަމަށް މީރާއިން ވިދާޅުވިއެވެ. މިގޮތުން ޖެނުއަރީ އެކެއްގެ ފަހުން
ނޯޓިސްދެވޭ ފަރާތްތައް ޖޫރިމަނާ ކުރައްވާނެކަމަށާއި އަންނަ ޖެނުއަރީ އެކަކުން
ފެށިގެން އެފަރާތްތައް ޖޫރިމަނާ ކުރެވޭނެކަމަށް މިރާއިން ވިދާޅުވިއެވެ. ޖޫރިމަނާ
ފެށޭ ޢަދަދަކީ ދެހާސް ރުފިޔާއެވެ.
މީރާއިން ވިދާޅުވި ގޮތުގައި ވިޔަފާރީގެ ހިސާބުތައް
އެންމެ ރަނގަޅަށް ބަލަހައްޓަމުންނުދާކަމަށް މީރާއަށް ބޮޑަށް ފާހަގަކުރެއްވެނީ
އަތޮޅުތަކުގެ ބައެއް ފަރާތްތަކުންކަމަށެވެ. އޭގެތެރޭގައި މައިގަނޑުކޮށް ކުދި
ވިޔަފާރިތައް ފާހަގަކުރެވެއެވެ.
ވިޔަފާރިތަކުން ޖީއެސްޓީ ހިސާބު ނުބެލެހެއްޓުމުގެ
ސަބަބުން އޭގެ އެންމެ ފުރިހަމަ ނަތީޖާ ފެންނަމުންނުދާކަން އެއޮތޯރިޓީން
ފާހަގަކުރައްވައެވެ.