ވިޔަފާރި

މަޑުއްވަރީގައި ސަރުކާރުން ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފި


ރ. މަޑުއްވަރީގައި ސަރުކާރުން ޤާއިމްކުރި އައިސްޕްލާންޓް ހުޅުވައިފިއެވެ.

މި އައިސްޕްލާންޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާއެވެ.

މަޑުއްވަރީގައި ސަރުކާރުން ޤާއިމްކުރި އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފައްދާ 50 ޓަނުގެ އައިސް ރައްކާކުރެވޭ އައިސްޕްލާންޓެކެވެ. މި އައިސްޕްލާންޓް ހުޅުވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ވިދާޅުވީ، މަސް ބޭނުމަށްފަހު އޭގެ ތާޒާކަންމަތީގައި ރަނގަޅު ކޮލެޓީގައި މަސްގަންނަ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ. ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް މަސްވެރިކަމުން ޤައުމަށް ވަންނަ އާމްދަނީ އިތުރުކުރުމަށް އައިސްގެ މުހިންމުކަން މިއަދު ވަރަށް ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މަސްވެރިކަން ރަނގަޅުއިރު އައިސް ހޯދުމަށް ގިނަ ވަގުތު ކިޔޫތަކުގައި ތިބެން ޖެހޭކަމުގެ ޝަކުވާއަކީ އަބަދުވެސް ލިބޭ ޝަކުވާއެއްކަމަށާއި، މި މައްސަލައަށް ހައްލެއް ހޯދުމަށް މަސްވެރި ރަށްރަށުގައި އައިސްޕްލާންޓް އެޅުމަކީ ސަރުކާރުގެ ސިޔާސަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން އަޅައިދޭ އައިސްޕްލާންޓްތަކަކީ ސީދާ ރަށު ކައުންސިލްތަކަށް ހަދިޔާކުރެވޭ އެސެޓެއްކަމަށެވެ.

"ކުރިއާއި ހިލާފަށް މިއަދު ހުޅުވިގެންމިދާ އައިސްޕްލާންޓްތަކަކީ މި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން ސީދާ ރަށު ކައުންސިލްތަކަށް ހަދިޔާކުރެވޭ އެސެޓްތަކެއް. އަދި މިއީ ރަށު ކައުންސިލްތަކަށް އާމްދަނީ ހޯދުމަސް ހުޅުވިގެންދާނެ އިތުރު ދޮރެއްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން. ރަށުގައި އިތުރު ވަޒީފާވެސް އުފެދިގެންދާނެ ކަމެއްކަމުގައި ފާހަގަކޮށްލަން. ރ. މަޑުއްވަރީގައި މިއަދު ހުޅުވިގެންމިދާ އައިސްޕްލާންޓަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ޤާއިމްކޮށްފައިވާ އައިސްޕްލާންޓެއް." މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ މިނިސްޓަރ އަލީ މާޖިދު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މަސްވެރިން ބާނާ މަސް ތާޒާކަމާއިއެކު މަސް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން ކަމަށެވެ. މަޑުއްވަރީ އައިސްޕްލާންޓް އޮޕަރޭޓްކޮށް، ބަލަހައްޓައި، އައިސްޕްލާންޓުން ހޯދަންޖެހޭ ނަފާއެއް ހޯދުމުގެ ހުރިހައި ފުރުސަތެއް ދޫކޮށްލާނީ މަޑުއްވަރީ ކައުންސިލާއި ރައްޔިތުންނަށްކަމަށެވެ.

"މިއަދު ދިވެހި ސަރުކާރުގެ އަމާޒަކީ އެންމެ ފުރަތަމަ ކޮށްދޭންޖެހޭ އެއްކަމެއްގެ ގޮތުގައި ސަރުކާރުން ގަބޫލުކުރާ އެއް ކަމަކީ މަސްވެރިން ބާނާ މަސް ތާޒާ ކަންމަތީ މަސް ގަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ވަސީލަތްތައް ޤާއިމްކޮށްދިނުން. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުގެ ފަރާތުން މިދަނީ މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި މަޝްރޫއުތަކުގެ ދަށުން އައިސްޕްލާންޓްތައް ޤާއިމްކުރަމުން. މިއަދު މަޑުއްވަރީގައި މި ހުޅުވޭ އައިސްޕްލާންޓަކީ އޭގެ އެއް މިސާލު." އަލީ މާޖިދު

މަޑުއްވަރީ އައިސްޕްލާންޓަކީ ސަރުކާރުން %100 ޙަރަދުކުރައްވައިގެން ޤާއިމްކުރި އައިސްޕްލާންޓެކެވެ. މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ރާއްޖޭގެ 4 ސަރަހައްދެއްގައި މި ސަރުކާރުން ވަނީ އައިސްޕްލާންޓްތައް ހުޅުވާފައެވެ. އޭގެތެރޭގައި ހިމެނެނީ ރ. މަޑުއްވަރީ، ކ. ގާފަރު، ހއ. ހޯރަފުށި އަދި ފެލިވަރެވެ. މީގެތެރެއިން ފެލިވަރު އައިސްޕްލާންޓް ފިޔަވައި ދެންހުރި ހުރިހާ އައިސްޕްލާންޓަކީ 25 ޓަނުގެ އައިސްޕްލާންޓެވެ. ފެލިވަރު އައިސްޕްލާންޓަކީ 50 ޓަނުގެ އައިސްޕްލާންޓެކެވެ.