ވިޔަފާރި

3 ވަނަ އިންވެސްޓްމަންޓް ފޯރަމާ ގުޅޭ މަޝްވަރާތައް ފަށައިފި


އަންނަ އަހަރު އިންޑިއާގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމަށް ތައްޔާރުވުމުގެ މަޝްވަރާތައް އިންޑިޔާގެ ނިއުދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނާއި ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރ އޮފް ކޮމާޒް އެންޑް އިންޑަސްޓްރީޒްއިން ފައްޓަވައިފިއެވެ.މިދިޔަ ބުދަ ދުވަހު ބޭއްވެވި މިމަޝްވަރާތަކުގެ ތަފްސީލް ދެއްވަމުން އިންޑިޔާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރ، އަހުމަދު މުހައްމަދު ވިދާޅުވީ އިންވެސްޓްމަންޓް ފޯރަމް ބާއްވަވަން ވާންޖެހޭ ތައްޔާރީތައް ކުރިއަށް ގެންދައްވަން ނިންމާފައި ވަނީ ފެޑަރޭޝަން އޮފް އިންޑިއަން ޗެމްބަރ އޮފް ކޮމާޒް އެންޑް އިންޑަސްޓްރީޒް ގުޅިގެން އެބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށެވެ.އަހުމަދު ވިދާޅުވީ އެފްއައިސީސީއައި އާ އެކު ބޭއްވެވި މަޝްވަރާތަކުގައި ފޯރަމް ބާއްވާނެ ތާރީހަކާއި ބާއްވާނެ ތަނަކާއި، އެ ފޯރަމަށް ދައުވަތު ދޭނެ ވިޔަފާރިތަކުގެ ކަންތައްތައް ފައިނަލް ކުރުމާ މެދު މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި އެކަމުގައި އެބޭފުޅުންގެ ލަފައެއް ވަރަށް އަވަހަށް ހައިކޮމިޝަނަށް ލިބޭނެ ކަމަށްވެސް ހައިކޮމިޝަނަރ ވިދާޅުވިއެވެ.އިކޮނޮމިކް މިނިސްޓަރުގެ ލަފާގެ މަތިން ފޯރަމް ބޭއްވުގެ ތައްޔާރިތައް ކުރިއަށްދާކަމަށާއި، އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ފޯރަމް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި ފޯރަމް ހާއްސަ ކުރާނެ ދާއިރާތައް ނިންމާނީ އިކޮނޮމިކް މިނިސްޓްރީން ކަމަށް ވެސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ. ތިން ވަނަ އިންވެސްޓްމަންޓް ފޯރަމް އިންޑިއާގައި ބާއްވަން ރައީސް އަބްދުﷲ ޔާމިން އިއުލާން ކުރެއްވީ، އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިންނެވެ.