ޚަބަރު

ސުނާމީ ބިނާ ބަހައްޓާ ސަރަޙައްދު އަންނަ މަހު 15 ގައި ހުޅުވަނީ


ލޮނުޒިޔާރަތްކޮޅުގައި
ހުރި ސުނާމީ ބިނާ ބަހައްޓާ ސަރަޙައްދުގައި ޕާކެއް ތަރައްޤީކުރައްވައި އަންނަ މަހުގެ
ފަނަރައިގައި އާއްމުންނަށް ހުޅުވާލާނޭކަމަށް ހައުސިންގް މިނިސްޓަރ ވިދާޅުވެއްޖެއެވެ.



ތިން ރުއް ޕާކް ސަރަހައްދުގައި
ކުރިއަށްދާ މަސައްކަތް ނޫސްވެރިންނަށް ދައްކާލެއްވުމަށްފަހު، އެތާނގައި ހުންނަވައި،
ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސުނާމީ ބިނާ އެ ސަރަޙައްދުގައި
ބަހައްޓަވަން ނިންމެވިއިރު، އެތަން އޮތީ އަޑިއަށް ގަނބައިގެންފާނެ ފަދަ ޙާލަތެއްގައި
ކަމަށްވާތީ މުޅިތަން އަލުން މަރާމާތު ކުރެއްވުމަށްފަހު އަލުން ހުޅުއްވާނީ ވަރަށް ބޮޑެތި
ބަދަލުތަކަކާއެކު ކަމަށެވެ.



" މި
ސަރަޙައްދު އާއްމުންނަށް ބޭނުންކުރެވޭއިރު، ޕާކެއް ނުކުރެވޭނެ. ޕާކް ކުރާނެ
އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސާނަން. މުޅި ތަން އޮންނާނީ ހިތްފަސޭހަ
ކުރެވޭގޮތަށް އިށީންދެވޭނެގޮތަށް. ތަން އޮންނާނީ ދިއްލާފައި. ސުނާމީ ބިނާވެސް
ހުންނާނީ ވަރަށް ރީއްޗަށް ދިއްލާފައި" މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



ތިން ރުއްޕާކުގައި ސުނާމީ
ބިނާ ބެހެއްޓެވުމަށް އެތާނގެ ތޮށިގަނޑު ނަގައި އަލުން ތޮށިގަނޑު ލެއްވުމުގެ މަސައްކަތް
މިހާރު ދަނީ ކުރައްވަމުންނެވެ. މި ސަރަޙައްދު ތަރައްޤީކުރައްވައި، ނިންމާލެވޭއިރު
ގިނަ ޢަދަދަކަށް ގަސްތަކާއި ރުއްތައްވެސް އިންދަވާނެއެވެ. މީގެ އިތުރުން ދުއްވާ
އެއްޗިހި މިސަރަޙައްދަށް ނުވައްދާ ދުރުގައި ޕާކް ކުރެވޭނެ އިންތިޒާމްވެސް
ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



ސުނާމީ ބިނާ ބަހައްޓަން ހަމަޖައްސަވާފައިވާ މާލޭ ހުޅަނގު ސަރަޙައްދަކީ ތިލަފުށްޓަށް ކުނި އުކާ ބާޖުތައްވެސް
އަލާފައި އޮންނަ ސަރަޙަދު ކަމަށްވާތީ، މިނިސްޓަރު ވިދާޅުވީ އެ ބާޖުތައް އެހެން ތަނަކަށް
ބަދަލުކުރެވޭތޯ މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށާއި ޕާކު ހުޅުވާއިރު ވަގުތީ
ޙައްލެއް އެކަމަށް ގެނެވޭތޯ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ.



" މިތަން
ހުޅުވިގެންދާއިރު ބާޖް މިތަނުގައި އޮތަސް އެކަމަށް އަޅުގަނޑުމެން
ޙައްލުގެންނާނަން. ކުނީގެ މައްސަލަ ޙައްލުކުރުމަށް މިދަނީ މަސައްކަތް
ކުރަމުން. އިރާދަކުރެއްވިއްޔާ ކުނީގެ މައްސަލަ މާލޭ ރީޑިވެލޮޕްމަންޓާއި އެކު އަންނަ
އަހަރު ވަރަށް ބޮޑަށް ޙައްލުވެގެންދާނެ." މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.



ސުނާމީ ބިނާއަކީ 2004 ވަނަ އަހަރު ކުރިމަތިވި
ސުނާމީ ކާރިސާގައި ދުނިޔެ ދޫކޮށްފައިވާ މީހުންގެ ހަނދާނުގައި ހަދާފައިވާ
ބިނާއެކެވެ.