ކަނޑުމަތީގެ ޙާދިޘާއެއް ހިނގައިފިނަމަ ލަސްވެގެން އެއްގަޑިއިރުތެރޭ އެސަރަހައްދަކަށް ކޯސްޓްގާޑުގެ އުޅަނދެއް ފޮނުވޭފަދަ އިތުރު ކޮމާންޑު ސެންޓަރެއް ހެދުމަށް ނިންމަވާފައިވާކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ، އެއްބައިވަންތަކަމުގެ ދުވަހާއި ގުޅުވައިގެން މީޑިޔާތަކަށް އަމާޒުކޮށް މިއަދު ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ފުޅުދައްކަވަމުންނެވެ. މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ މިސެންޓަރު ޤާއިމް ކުރާނީ ހދ. ހަނިމާދޫގައި ކަމަށެވެ.މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސްއިން އިތުރު ކޮމާންޑު ސެންޓަރުތައް ޤާއިމްކުރެއްވުމަށް ނިންމެވީ، ކަނޑުމަތީގެ ޙަދިސާތަކުގައި އެހީތެރިވުމަށް މިހާރު ބޭނުންކުރަމުންދާ ކޮމްނާޑް ސެންޓަރުގެ އިތުރުން، މިފަދަ އިތުރު ސެންޓަރުތަކުގެ ބޭނުންހިފަން ޖެހިފައިވާތިކަމަށް މިނިސްޓާރު ވިދާޅުވިއެވެ. އެމްއެނަޑީއެފްގެ މިފަދަ ސެންޓަރެއް މީގެ ކުރިން ޅ. މަޑިވަރުގައި ގާއިމް ކޮށް މިހާރުވެސް ޚިދުމަތް ދެމުންދެއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ އަލަށް ހަދާ މިސެންޓަރު ހަދަން ނިންމަވާފައިވަނީ އަންނަ އަހަރު ކަމަށެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ފާތިމަތު ތަސްނީމް ވިދާޅުވީ، ކާރިޘާތައް ނުވަތަ ''އަރައްކާތުން'' ރާއްޖެއަށް ލިބޭ ގެއްލުން އެހެން ޤައުމުތަކަށްވުރެ ބޮޑު ކަމުގައެވެ. އަދި މިއަހަރަކީ ގިނަ ޙާދިޘާތަކެއް ރާއްޖޭގައި ހިނގާފާއިވާ އަހަރެެއް ކަމަށާއި، އިރުވައި މޫސުމުގައި ރާއްޖޭގެ 76 ރަށަކުން ފެނަށް ޖެހިގެންދިޔުމާއި، މާލޭގައި ލިލީ ގުދަނުގައި ހިނގި އަލިފާނުގެ ޙާދިޘާއާއި ގުޅިގެން ވަށައިގެންވާ 6 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޙާދިސާއާއި، ކަނޑުމަތީގައި ހިނގާފައިވާ އެކި ޙާދިސާތަކުގައި 80 އެތަށް ބަޔަކު ކަނޑުވެ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ޙާދިސާ އޭނާ ފާހަގަ ކުރެއްވިއެވެ. ތަސްނީމް ވިދާޅުވީ ކަނޑުމަތީގެ ގިނަ ޙާދިސާތަކެއް ރާއްޖެއަށް ދިމާވަނީ ޖިއޮގްރަފިކް ގޮތުން ރާއްޖެ އުފެދިފައިވާ ގޮތުން ކަމަށެވެ. މީޑިޔާތަކަށް އަމާޒުކޮށްގެން ބޭއްވި މިބައްދަލުވުމުގައި ކާރިޘާތަކާއި ގުޅޭ ޚަބަރުތަކާއި މައުލޫމާތުތައް ފެތުރެއްވުމުގައި މީޑިޔާއިން އަމަލުކުރާނެ ގޮތާއި ގުޅޭ މުހިއްމު މައުލޫމާތު ލިބެގެންދިޔަކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަ ކުރެއްވިއެވެ.ޤައުމީ އެއްބައިވަންތަކަމާއި ބެހޭ ދުވަހާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަކީ އެއްދުވަހުގެ ބައްދަލުވުމެެކެވެ.