ޚަބަރު

ކުރީގެ މިނިސްޓަރ ޑރ.ޒިޔާދުގެ މައްސަލަ އިސްތިއުނާފުކުރަނީ


ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ބާޤިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވަން ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވީ މިމައްސަލަ ކްރިމިނަލް ކޯޓުން ނިންމާފައިވާ ގޮތާމެދު ކަންބޮޑުވުން އެބައޮތް ކަމަށާ، މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާކަމަށެވެ.

ޒިޔާދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލައިގައެވެ. ޑރ ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ކުރިން ހުންނެވި ހުރި އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް މިމައްސަލާގައިވަނީ ދަޢުވާކޮށްފައެވެ.

މި މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ ޒިކުރާ މިސްކިތް ހެދުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި އެކު ހެދި އެއްބަސްވުމުގައި ޒިޔާދު ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ކުށެއް އޮއްވާ އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށް ނުބެލެވޭނެކަމަށްވެސް ދަށު ކޯޓްގެ ހުކުމުގައިވެއެވެ. އަދި އެއްބަސްވުމުގެ ފަހު ބަސްބުނުމުގެ ހައްގު އިސްލާމިކް މިނިސްޓްރީއަށް ލިބިގެން ނުވާކަމަށްވެސް އެ ހުކުމުގައިވެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ލޮލުގައި އަޅައި ނުގަތް ކުށް ޒިޔާދުގެ ލޮލުގައި އަޅައި ގަންނާނެކަމަށް ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭނެކަމަށްވެސް އެ ހުކުމުގައިވެެވެ.

ހުކްމުގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުންކަމަށެވެ. ޒިޔާދުު އިތުރުން މި މައްސަލާގައި ހިމެނޭ އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށްވެސް ކުށް ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޒިޔާދު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި "ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.