ރާއްޖޭގެ ދެކުނާއި އުތުރުގައި ޤާއިމުކޮށްފައިވާ ހައިކޯޓުގެ ދެ ގޮފި އުވާލުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ބަންޑާރަ ނައިބު އޮފީހުން ރައީސް އޮފީހަށް ފޮނުވި 4 ބިލުގެ ތަފްސީލް ވަނީ ދެއްވާފައެވެ. މި ބިލްތަކުގެ ތެރެއިން ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި ފަރާތްތަކަށް ޤާނޫނުއަސާސީ ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ޤާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އެނޫންވެސް އިޞްލާޙުތައް ގެނައުމަށެވެ.
ކޯޓުތަކުގެ ޤާނޫނުގެ ދަށުން އުތުރާއި ދެކުނުގައި ގޮފިހަދައި ޚިދުމަތް ދޭން ފެށީ 2015 ވަނަ އަހަރުން ފެށިގެންނެވެ. ނަމަވެސް އެކޯޓުތަކަށް ބޮޑެތި ހޭދަތައްކޮށް ރަނގަޅު ނަތީޖާއެއް ނުލިބޭކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ.
ފަނޑިޔާރުންގެ ޤާނޫނަށް ބަންޑާރަ ނައިބް އޮފީހުން ހުށަހެޅި އިސްލާހަކީ ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށެވެ.
އޭޖީން ހުށަހަޅާފައިވާ ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރިއާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރުމަށްޓަކައި، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަޤްވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި، އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ޓަކައިހުށަހަޅާ ބިލެކެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށަހެޅި އިސްލާހަކީ ޤާނޫނު ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް އެންވަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހު ތަކެކެވެ. މިބިލްތައް ރައީސް އޮފީހުން ދިރާސާ ކުރުމަށްފަހުން ވަރަށް އަވަހަށް މަޖިލީހަށް ފޮނުވޭނެކަމަށް ބެލެވެއެވެ.