ކުޅިވަރު

ޔުނައިޓެޑުގެ ކޯޗުކަމަށް ޒިދާނު ޝައުގެވެރިއެއް ނުވޭ


މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް އޮލެ ގަނަ ސޯލްޝެއާގެ މަގާމުން ދުރުކޮށްފި ނަމަ، އެ މަގާމަށް ޒައިނުއްދީން ޒިދާން ގެނައުން އެކަށީގެންވާ ކަމަށް ވާހަކަ ފެތުރުނަސް އެ މަގާމަށް ޒިދާންގެ ޝައުގުވެރިކަން ނެތްކަން ހާމަވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވުމުން، ކޯޗް ސޯލްޝެއާގެ މަގާމާމެދު ވަނީ ސުވާލު އުފެދިފައެވެ. އެއާއެކު އެ ޓީމުގެ ކޯޗަކަށް ޒިދާން ނުވަތަ އެންޓޯނިއޯ ކޮންޓޭ ގެނެސްދާނެ ކަމަށް ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެކަމަކު ޔުނައިޓެޑުން މިހާރު ނިންމާފައި ވަނީ ސޯލްޝެއާއަށް އިތުރު ވަގުތު ދިނުމަށެވެ. ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗް ޒިދާން ޔުނައިޓެޑްގެ މަގާމަށް ޝައުގުވެރި ނުވާކަން މީޑިޔާ ރިޕޯޓްތައް ވަނީ ބުނެފައެވެ. ޒިދާން އިންތިޒާރުކޮށްގެން ހުރީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗަކަށް ވުމަށް ކަމަށް ވެސް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ފަހު ފްރާންސްގެ މިހާރުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ފްރާންސްގެ ކޯޗުގެ މަގާމުން ވަކިވުން ގާތް ކަމަށް ކުރިން އޮތީ ބެލެވިފައެވެ.

ރެއާލްގެ ކޯޗު ކަމުން މިދިޔަ ސީޒަނަށް ފަހު ޒިދާން އިސްތިއުފާ ދިނީ އެއްވެސް ތައްޓެއް ނުހޯދިއެވެ. އޭނާ ވަނީ މެދުކެނޑުމަކަށް ފަހު ދެ ފަހަރު ރެއާލަށް ކޯޗްކޮށްދީފައެވެ. އޭނާ ކޯޗު ކަމުގެ ދަށުން ރެއާލްއިން ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ލަލީގާ ޗެމްޕިއަންކަން ދެފަހަރު ހޯދާފައެވެ.