މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ އެންމެ ބޮޑު ސަމިޓް، ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް26 ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަޤްރީރުކުރައްވާނެއެވެ.
ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ސްކޮޓްލަންޑްގެ ގްލަސްގޯއަށް ވަޑައިގެންފައިވަނީ އިއްޔެއެވެ.
މިސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. މިމަހުގެ 12 ގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެމަނިކުފާނު ތަޤްރީރްކުރައްވާނީ 24 ވަނައަށެވެ.
190 އަށްވުރެ ގިނަ ޤައުމުގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ މި ސަމިޓްގެ އެންމެ ކުރީކޮޅު އަދި އެންމެ ފުރަތަމަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަޤްރީރްކުރެއްވުމަށް ހަމަޖެހިފައިވާއިރު، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެއިން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭގޮތުން އަޑުއުފުލާ ޤައުމުތަކުން ދަނީ ބަލައިގަންނަމުންނެވެ. ކޮޕް26ގެ ބައްދަލުވުމަކީ ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ޕްލޭންގެ ވާހަކަތައް ހިއްސާކުރުމަށްލިބޭ އަގުހުރި ފުރުޞަތެކެވެ.
2019 ވަނަ އަހަރު ދިވެހިރާއްޖެއިން ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ބައިނަލްއަޤުވާމީ އެހީތެރިކަމާއެކު 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން ބޭރުކުރާ މިންވަރު ނެޓް ޒީރޯ އަށް ހެދުމަށް އަމާޒު ހިފާފައިވާކަން އިޢުލާނުކޮށްފައެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކަށް ދުނިޔޭގެ ސަމާލުކަން ގެނައުމަށް ރާއްޖޭގެ އިސްނެގުމާއެކު ބައިނަލްއަޤވާމީ އަދި ޤައުމީ ފެންވަރުގައި ތަފާތު އެކި ޙަރަކާތްތައް ރާއްޖެއިން ދަނީ ހިންގަމުންނެވެ. ޚާއްޞަކޮށް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާއަކީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުދިޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު ޙާލަތްތަކާ އަދި ކުރިމަތިވާ މާލީ ދަތިކަމާބެހޭގޮތުން ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި ކުދިޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި މިހާރު ވަކާލާތު ކުރައްވަމުންގެންދަވާ ލީޑަރެކެވެ.
ކޮޕް26ގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު މި ސަމިޓުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ މި ވަފްދުގައި ހިމެނޭ ބައެއް ބޭފުޅުން މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންނެވުމަށާއި އެކި ޤައުމުތަކުގެ ލީޑަރުންނާ އެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށްވެސް ހަމަޖެހިފައިވެއެވެ.
ކޮޕް26ގެ ސަމިޓް އިންތިޒާމު ކުރަނީ އިޓަލީވިލާތާ ގުޅިގެން އިނގިރޭސިވިލާތުންނެވެ. މި ސަމިޓަކީ ޕެރިސް އެގްރީމެންޓާއި، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އ.ދ.ގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލުވުމަށްޓަކައި ފިޔަވަޅުތައް އެޅުން އަވަސްކުރުމަށް ކަމާބެހޭ ހުރިހާ ފަރާތްތައް އެއްތަންކުރުމުގެ ގޮތުން ބާއްވާ ސަމިޓެކެވެ. އެގޮތުން މި ސަމިޓްގައި ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުތަކުން ލީޑަރުން ބައިވެރިވެވަޑައިގަންނަވާއިރު، އެތައް ހާސް ނެގޯޝިއޭޓަރުންނާއި، ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ޢާންމުފަރާތްތަކުން ބައިވެރިވެއެވެ.