ރިޕޯޓް

ފެނާއި ނަރުދަމާގެ މަޝްރޫއު: މިހާތަނަށް ކުމުންދޫގައި ހިންގާ އެންމެބޮޑު މަޝްރޫއު



ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަވަމުން އަންނަނީ ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާގެ ރައްކާތެރި ނިޒާމެއް ގާއިމްވެފައި ނެތުމަކީ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތި އުނދަގޫތަކެއް ތަހަމަލް ކުރަން ޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކުގެ ސަބަބުން ފެން ލޮނުވެ ފެން ތަޣައްޔަރު ވުމަކީ މިކުޑަކުޑަ ދިވެހިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ކުރިމަތިވެފައިވާ ކަމެކެވެ.

2000 ވުރެއް ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ ހދ ކުމުންދޫއަކީ ފެނާއި ނަރުދަމާގެ އެކަށީގެންވާ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ތަކްލީފްތަކެއް އުފުލަން ޖެހިފައިވާ ރަށެކެވެ. އެގޮތުން ފެން ލޮނުވުމާއި ޖަންކްޝަންތައް ފުރި ބަންޑުންވެ ގޯތި ގެދޮރަށް ނަޖިސް އެޅޭ ފަހަރުވެސް އާދޭއެވެ. ގިނަފަހަރަށް އެރަށުގެ ރައްޔިތުންނަށް ފެންވަރަން ސާފް ފެން ލިބުންވެސް ދަތިވާކަމަށް އެރަށުގެ ރައްޔިތުން ބުނެއެވެ.

ނަމަވެސް މިއަދުގެ ސަރުކާރުން މިވަނީ ރައްޔިތުންނަށް ކުރިމަތިވަމުންއަންނަ މިފަދަ ދަތި އުނދަގޫތަކަށްް ނިމުމެއް ގެނެސްދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކުމުންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ސަރުކާރުން ކުމުންދޫގައި ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތަކީ މިހާތަނަށް ކުމުންދޫގައި ކުރިޔަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ ކުމުންދޫގައި ކުރިޔަށްދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ދަށުން ވޯޓަރ ނެޓްވޯކުގެ %60 ނިމިފައިވާއިރު ނަރުދަމާގެ މަސައްކަތުގެ %33 ނިމިފައިވާ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ. އަދި އާރޯ އެޑްމިން ބިލްޑިންގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިޔަށް ދާކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު ކުރިޔަށް ދަނީ ފެނާ ނަރުދަމާ ހޮޅި ވަޅުލުމުގެ މަސައްކަތް ކަމަވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ކުމުންދޫގައި ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. 102 މިލިއަން ރުފިޔާއަށް އެމްޑަބްލިއުއެސްސީއާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ. މިމަޝްރޫއުގެ މަސައްކަތް ނިމޭއިރު އެރަށުގައި އާރޯ ޕްލާންޓެއް ގާއިމްކުރެވި ފެނާއި ނަރުދަމާގެ ޚިދުމަތް ހުރިހާ ގޭގެއަށް ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.