ޚަބަރު

މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ބޫސްޓަރ ޑޯޒް ޖަހައިފި


ރާއްޖޭގައި މިހާތަނަށް 1500 އަށްވުރެ ގިނަ މީހުން ކޯވިޑް ވެކްސިންގެ ބޫސްޓަރ ޑޯޒް ޖަހައިފިއެވެ.

ކޯވިޑް19އިން ދިފާއުވުމަށްދޭ ވެކްސިންގެ ބޫސްޓަރ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި، ކޯވިޑް ދިފާޢު ވެކްސިންގެ 3 ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ދިނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ރާއްޖޭގައިވެސް މިމަހު ބޫސްޓަރ ޑޯޒް ދޭން ފަށާފައިވާއިރު، 3 ވަނަ ޑޯޒް ދެނީ ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލީގެ ނުރައްކާ ބޮޑު މީހުންނަށެވެ.

ބޫސްޓަރ ޑޯޒްގެ ގޮތުގައި ރާއްޖޭގައި ޖަހަނީ ފައިޒަރ ވެކްސިންއެވެ.

ރާއްޖޭގައި 3 ވަނަ ޑޯޒް ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތްތަކުރާ މީހުންނާ، ބަލީގެ ސަބަބުން ޙާލަތު އިތުރަށް ގޯސްވެދާނެ މީހުން ހިމެނެއެވެ.

ރާއްޖޭގައި ބޫސްޓަރ ޑޯޒް ދޭން ފެށިތާ 3 ހަފްތާ ވީއިރު، މިހާތަނަށް 1577މީހުން ވަނީ 3 ޑޯޒް ޖަހާފައެވެ. ފުރަތަމަ ދެ ހަފްތާގައި ބޫސްޓަރ ޑޯޒް ޖެހީ 700 އެއްހާ މީހުންނެވެ.

ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މާލޭ ސަރަޙައްދުގެ 3 ހޮސްޕިޓަލަކުން ބޫސްޓަރ ޑޯޒް ޖަހައިިދިނުން ކުރިއަށްދެއެވެ. އެއީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އަދި ވިލިމާލެ ހޮސްޕިޓަލެވެ.

އެޗްޕީއޭއިން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ހޮސްޕިޓަލަކުން ހެނދުނު 9:00 އިން 14:00 އަށް ވެކްސިން ޖަހައިދޭނެކަމަށެވެ. އަދި ވިލިމާލެ ހޮސްޕިޓަލުން ހެނދުނު 10:00 އިން 12:00 އަށް ވެކްސިން ޖަހާ ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމަން ހެއްދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.