 
										
			ނ.މަނަދޫ ބަނދަރު ބޭނުންކުރުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. 
މަނަދޫ ބަނދަރަކީ، މޫސުން ގޯސްވާ ދުވަސްވަރު ބަނދަރުތެރެ ގަދަވެ، ބޭނުންކުރުމަށް ދަތިވެފައިވާ ބަނދަރެކެވެ. 
މަނަދޫގެ ރަޖިސްޓްރީކޮށްފައިވާ އާބާދީއަކީ 2000 މީހުން ނަމަވެސް، އެކި ބޭނުންތަކުގައި އެ ރަށަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު ރަށުގެ އާބާދީ 3000 އިން މައްޗަށް އަރައެވެ. އާއްމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ މަނަދޫއަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ.
ރަށަށް އަރާފައިބާ މީހުންނާއި ރަށުގެ އޮޑިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށުގެ ބަނދަރުގެ މައްސަލައެވެ. 
މަނަދޫގައި ހަދާފައިވާ ބަނދަރަކީ 1200 ފޫޓު ދިގު، 350 ފޫޓު ފުޅާ ބަނދަރެކެވެ. މިހާރު އޮތް ބަނދަރުން ޚިދުމަތް ހޯދާތާ 8 އަހަރުވީއިރު، ކޮންމެ އަހަރެއްގެވެސް ކަނޑު ގަދަވާ ދުވަސްވަރުވެފައި ވަނީ ރަށުގެ ރައްޔިތުންނާއި އޮޑިވެރިންނަށް އެތައް ކޮންޖެހުންތަކާއި ކުރިމަތިވާ ދުވަސްތަކަކަށެވެ.
		
 
										
			ނ.މަނަދޫ ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ޞަބީޙު ވިދާޅުވީ ބަނދަރުގައި މިހާރު ނެރު އޮތްގޮތުން ބަނދަރު ތެރެއަށް ބާނިތައް ވަދެ، އޮޑިދޯނިފަހަރު އަޅާފައި ބޭއްވުމަށް ނުރައްކާވާކަމަށެވެ. އަދި އުޅަނދުތައް ބެލެއްޓުމަށް އޮޑިވެރިން ހޭލާ ތިބެންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
"އޮޑިދޯނިފަހަރު ނެރުމައްޗަށް އުރުންފަދަ ނުރައްކާތެރި ބިރުވެރި ޙާދިސާތައް ހިނގާފަ އެބަހުރި. ކަނޑެކޭ އެއްގޮތަށް ބަނދަރުތެރެ އޮންނާނީ ވަރަށް ގަދަވެފަ. އޮޑިވެރިން ނުނިދާ ޑިއުޓީކުރަން އެބަޖެހޭ." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. 
ކައުންސިލުން ބަނދަރުގެ މައްސަލަ ސަރުކާރަށް ހުށައަޅާ، މައްސަލަ ޙައްލުކުރުމަށް ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކު މިހާރު ވަނީ މަނަދޫގައި ޢަމަލީ މަސައްކަތް ފަށާފައެވެ. މަނަދޫ ބަނދަރަށް ބަދަލުގެނެސް މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސިއިންނެވެ.
		
			މި މަސައްކަތުގެދަށުން ބަނދަރުގައި މިހާރު ކަނޑާފައިވާ ނެރު ބައްދާ، ބަނދަރުގެ ހުޅަނގު ފަރާތަށް ނެރު ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 29000 ކިއުބިކް މީޓަރު ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188މީޓަރު ސަރަޙައްދުގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. މީގެއިތުރުން ކޮންކްރީޓް ބްރިޖެއް އެޅުން، ބާޖާ ކޮޅުވެއްޓި ކައިރިކުރުމަށް ރޭމްޕް ހެދުން އަދި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. 
ކައުންސިލުން ވިދާޅުވީ ބަނދަރުން ނަގާ ވެލި އަޅާ، ބަނދަރުގެ ހުޅަނގު ފަރާތު ފަޅުން ސަރަޙައްދެއް ހިއްކުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. މަނަދޫ ބަނދަރު މަރާމާތުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ ސަރުކާރުން 29 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.