ވިޔަފާރި

"ރައުޝަން ޖިއާން"ގެ ނަމުގައި އެވޯޑް ދެނީ


އިމާރާތްކުރުމުގެ ސިނާއަތުގައި ސަލާމަތާއި ރައްކާތެރިކަން ފުރިހަމަކޮށްފައިވާ ކުންފުނިތަކަށް "ރައުޝަން ޖިއާން"ގެ ނަމުގައި އެވޯޑެއް ދިނުމަށް މަސީން ނިންމައިފިއެވެ. މި އެވޯޑް ދޭނީ އިންޓަނޭޝަނަލް ހެލްތު އެންޑް ސޭފްޓީ ދުވަސްކަމަށްވާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހާއި ދިމާކޮށެވެ.

ރައުޝަން ޖިއާންއަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މ.ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓިގެން މަރުވި ބަންގްލަދޭޝްގެ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިމާރާތްކުރާ ސައިޓްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ އެސޯސިއޭޝަނުން އަބަދުވެސް އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކަށް ގޮވާލައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހް ވިދާޅުވީ، އިމާރާތްކުރާ ސައިޓްތަކުގައި ކުންފުނިތަކުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އެކަންކަމަށް އިސްކަން ދިނުމަށް ބާރުއެޅުމުގެ ގޮތުން މަސީން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި އެވޯޑް ދެނީ ރައުޝަން ޖިއާންގެ ނަމުގައި ކަމަށް ޖަނާހް ވިދާޅުވިއެވެ.

"މަސީންދޭ ހެލްތު އެންޑް ސޭފްޓީ އެވޯޑްގެ ނަން ރައުޝަން ޖިއާންގެ ނަމަށް އަޅުގަނޑުމެން އޮންނާނީ ކަނޑައަޅާފައި. ކޯވިޑްގެ ހާލަތުގައި މިއަހަރު އެކަން ނުކުރެވުނީ އެކަމަކު އިރާދަ ކުރެއްވިއްޔާ މިއަންނަ އަހަރު އަޅުގަނޑުމެން އެ އިނާމް ފުރަތަމަ ފަހަރަށް ދޭނަން. މިހުރިހައި ކަމެއް ކުރުމުގެ ބޭނުމަކީ އެވެއަރނެސް ކްރިއޭޓްކުރުން. އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ އެވެއަރނެސް ކްރިއޭޓްކުރުން." ޖަނާހް ވިދާޅުވިއެވެ.

ޖަނާހް ވިދާޅުވީ މި އެވޯޑް ދިނުމުގެ މަޤްސަދަކީ ހޭލުންތެރިކަން އިތުރުކޮށް ސަލާމަތާއި ރައްކާތެރިކަން ހިފަހައްޓާ އެންމެ ރަނގަޅު ކުންފުނިތަކަކީ ކޮބައިތޯ ބެލުންކަމަށެވެ. މިފަދަ އިނާމަކާއި ހަމައަށް ދަތުރުކުރެވޭ ކުންފުނިތަކެއް ހޮވާލެވިއްޖެނަމަ ކޮންމެ ކުންފުންޏަކުންވެސް ވަކި ސްޓޭންޑާރޑްތަކެއް ހިފަހައްޓައިގެން މަސައްކަތް ކުރާނެކަން ޖަނާހް ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރަކުވެސް އެވޯޑަށް ވާދަކުރާ ކުންފުނިތައް އިތުރުވެ ކުންފުނިތައް މޮނިޓަރ ކުރަން ފަސޭހަވާނެކަމަށެވެ.

މި އެވޯޑްގެ ތެރެއިން ކުންފުނީގެ އުސޫލުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ހުންނަ މިންވަރާއި، ކުންފުނީގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން އުނގަންނައިދިނުމަށް ކުރާ މަސައްކަތްފަދަ ކަންކަމަށް ބަލާނެކަމަށް މަސީން ބުނެއެވެ. މަސީގައި މިހާރުވެސް އިމާރާތްކުރުމުގެ ސިނާއަތުގައި މަސައްކަތްކުރާ 300 އަށްވުރެ ގިނަ ކުންފުނި ވަނީ ރަޖިސްޓްރީކޮށްފައެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި މ.ނަލަހިޔާމަންޒިލް މަތިން ސިމެންތި ބަސްތާއެއް އުމުރުން 9 އަހަރުގެ ރައުޝަން ޖިއާން ބޮލަށް ވެއްޓުމާއެކު އައިޖީއެމްއެޗް އައިސީޔޫގައި ވަނީ ޖިއާންއަށް ފަރުވާދީ އޮޕަރޭޝަންތަކެއްވެސް ކޮށްފައެވެ. ނަމަވެސް އޭނާގެ އެތެރެހަށީގެ މުހިންމު އެތައް ގުނަވަނަކަށް ލިބިފައި ހުރި ގެއްލުންތައް ބޮޑުކަމުން، އޮޕަރޭޝަނަށް ފަހު ވެސް ހާލު ވަރަށް ސީރިއަަސްވެ ޖިއާން ވަނީ ހާދިސާ ހިނގި ދުވަހުނޫން އަނެއް ދުވަހު ނިޔާވެފައެވެ.

ރައުޝަން ޖިއާންގެ މަރުގެ މައްސަލައާއި ގުޅިގެން އެކުއްޖާގެ އާއިލާގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާކޮށްފައިވަނީ ބަދަލުގެ ގޮތުގައި 17.4 މިލިއަން ރުފިޔާގެ ނަގައިދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމްކުރީ މި މައްސަލައިގައި ޑަބްލިއު ކޮންސްޓްރަކްޝަނުން ބަދަލުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ދިނުމަށެވެ.

މި މައްސަލާގައި ހިމެނޭ އެއް ބިދޭސީއަކު 6 އަހަރަށް ޖަލަށްލާން ހުކުމްކުރިއިރު އިތުރު ބިދޭސީއަކު 3 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. ދެން މި މައްސަލާގައި ހިމެނޭ އަނެއް ދެ ބީދޭސީން ވަނީ 7200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.