ވިޔަފާރި

ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް ޓެސްޓިން މަރުހަލާގައި


އެމްޑަބްލިއުއެސްސީގެ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް ނިމި މިހާރު ހުރީ ޓެސްޓިން މަރުހަލާގައިކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެމްޑަބްލިއުއެސްސީން ބިއްލޫރި ފުޅީގައި ފެން ބަންދުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޕްލާސްޓިކް މަދުކުރުގެ ސިޔާސަތައް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވީ، ސަރުކާރުން ޕްލާސްޓިކް މަދުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރަމުންދާއިރު، އެމްޑަބްލިއުއެސްސީންވެސް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް ކުންފުންޏަށް ކުރެވެންހުރި މަސައްކަތްތައްކޮށް ސަރުކާރަށް މިކަމުގައި އެއްބާރުލުންދޭނެކަމަށެވެ.

ޝާހު ވިދާޅުވީ އެމްޑަބްލިއުއެސްސީގެ ބިއްލޫރި ފުޅިގައި ފެން ބަންދުކުރާ ޕްލާންޓް ނިމި މިހާރު ހުރީ އިޓަލީގައި ޓެސްޓް ކުރުމުގެ މަރުހަލާގައިކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތްކުރަމުންދަނީ މިއަހަރުގެ ތެރޭގައި މަސައްކަތް ފެށޭތޯކަމަށް ޝާހު ވިދާޅުވިއެވެ.

"އެމްޑަބްލިއުއެސްއީން ގްލާސް ބޮޓެލްއަށް ދިއުމަށްޓަކައި މިހާރު ވަރަށް ބޮޑަށް ވަނީ ތައްޔާރީތަކެއް ވެފައި. ޕްރޮކިއުމަންޓްނިމި މެޝިން މިހާރު ޓެސްޓިންގައި އެހެރީ އިޓަލީގައި. އެމްޑަބްލިއުއެސްއީން އާންމުގޮތެއްގައި މަސައްކަތްކުރާއިރުގައި ކުރާނީ ވަރަށް ކޮލެޓީގައި. އިންޓަނޭޝަނަލް ސްޓޭންޑާރޑްއަށް ކުރާނީ. އިޓަލީގައި މިހާރު އެމްޑަބްލިއުއެސްއީގެ ގްލާސް ބޮޓެލިންގ ޕްލާންޓް އެއިނީ ގާތްގަނޑަކަށް ރެޑީވެފައި. އެއަށް ބޭނުންކުރާ 5000 އެއްހައި ފުޅި އެކި ސައިޒްގެ މެޝިން ޓެސްޓުކުރުމަށްޓަކައި އަޅުގަނޑުމެން ޗައިނާކޮޅުން އިޓަލީއަށް މިފޮނުވަނީ. ޓެސްޓިންގ ޖެއްސުމަށްފަހުގައި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ޝިޕްކުރާނަން." ޝާހު ވިދާޅުވިއެވެ.

އެއް ފަހަރު ބޭނުންކޮށްފައި އުކާލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރާ ބިލުގެ ދަށުން މިއަހަރުގެ ޖޫން މަހުން ފެށިގެން 9 ބާވަތެއްގެ ޕްލާސްޓިކް ރާއްޖެ އެތެރެކުރުން ވަނީ މަނާކޮށްފައެވެ. ކޯވިޑާއި ގުޅިގެން ރާއްޖޭގެ އިގުތިސާދަށް އަސަރު ކޮށްފައިވާތީ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން ޕްލާސްޓިކް ފެންފުޅި ރާއްޖެއަށް އެތެރެކުރުން މަނާ ތާރީހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2023 ވަނަ އަހަރުން ފެށިގެންނެވެ.