ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގައި މުޢާމާލާތްކުރެވޭ މިންވަރު އިތުރުކޮށްފިއެވެ.
ބޭރު ފައިސާ ލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، ޑޮލަރުގެ ލިކިއުޑިޓީއަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވުމުން މިދިޔައަހަރު އެބޭންކުން ވަނީ އެބޭންކުގެ ކޭޝް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ޢަދަދު ދަށްކޮށް ބަދަލު ގެނެސްފައެވެ. ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ވަނީ އެބޭންކުގެ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި މުޢާމަލާތްކުރެވޭ މިންވަރު އިތުރުކޮށްފައެވެ.
އެގޮތުން މިއަދުން ފެށިގެން އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަރ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުއާމަލާތް ކުރެވޭނެ އަދަދެއްގެ ގޮތުގައި 750 ޑޮލަރު ވަނީ ހަމަޖައްސާފައެވެ.
ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ދިވެހި ރުފިޔާ އެކައުންޓް ކަނޑައަޅާފައިވާ ޑެބިޓް ކާޑަށް މިހާރުވެސް ދީފައިވާ 250 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްގޮތަށް ކޮންމެ ޑެބިޓް ކާޑަކަށް، މަހަކަށް 750 ޑޮލަރުގެ ލިމިޓެއް ލިބޭނެއެވެ.
ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮަލަރު އެކައުންޓް ކަނޑައަޅާފައިވާނަމަ ކަސްޓަމަރުންނަށް ދުވާލަކު 3000 ޑޮލަރާ ހަމަޔަށް ކާޑު ބޭނުންކުރެވޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ. މިހާރުވެސް ބޭންކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ފަދައިން ބޭސްފަރުވާ އާއި ތައުލީމާ ގުޅުންހުރި ކަންކަމުގައި ފައިސާދެއްކުމަށް ކާޑަށް ވަގުތީ ލިމިޓް ދެމުންދާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. މި ގޮތަށް ލިމިޓް އިތުރު ކުރުމަށް އެދި ކަސްޓަމަރުންނަށް އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަމާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅޭނެއެވެ.