ވޯލްޑްކަޕް ކޮލިފައިންގެ އުތުރު އެމެރިކާ ބައްރުގައި މެކްސިކޯ ކުޅުނު މެޗު ކާމިޔާބުކޮށް އެޓީމު ގުރޫޕުގެ އެއްވަނައިގަ ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މެކްސިކޯ މެޗު ކާމިޔާބުކުރީ ރަށުން ބޭރުގައި އެލްސެލްވެޑޯ ވާދަކޮށް 2-0 ލަނޑުންނެވެ.
މެޗުގައި ފުރަތަމަ ހާފްގައި ހެކްޓޯ މޮރޭނޯ ލަނޑުން މެކްސިކޯ ލީޑު ނެގިއިރު މެކްސިކޯގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރައުލް ހިމިނޭޒްއެވެ. ހިމިނޭޒް މި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައިއެވެ. އެލްސެލްވެޑޯއަށް މެޗުގައި މައްސަލަ ކުރިމަތިވީ މަރިއޯ ޖަކަބޯ ސީދާ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މެޗު ދެވަނަހާފްގައި މެކްސިކޯގެ ނެސްޓޯ އަރައުޖޯއަށް ވަނީ ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކާފައެވެ.
މި މޮޅާއެކު އުތުރު އެމެރިކާގެ ޒޯންގައި މެކްސިކޯ ވަނީ ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މެކްސިކޯ އެއްވަނައިގަ އޮތީ 14 ޕޮއިންޓާއެކުގައެވެ. އެމެރިކާ ދެވަނައިގައި އޮތީ 11 ޕޮއިންޓާއެކުއެވެ. ތިންވަނައިގަ ކެނެޑާ އޮތީ 10 ޕޮއިންޓާއެކުއެވެ. ކޮލިފައިން ޕްލޭއޯފް ޖާގަގައި ޕެނެމާ އޮތީ 8 ޕޮއިންޓާއެކުއެވެ. ވޯލްޑްކަޕުގެ ސީދާ ޖާގަ ޔަގީން ވާނީ އުތުރު އެމެރިކާގެ ޒޯންގެ އެންމެ ގިނަ ޕޮއިންޓު ހޯދާ ތިން ޓީމަށެވެ.
ހަތަރުވަނަގައި އޮންނަ ޓީމު ޖެހޭނީ ވޯލްޑްކަޕަށް ކޮލިފައިވުމަށް އިތުރު ޕްލޭއޯފް މެޗެއް ކުޅެގެންނެވެ.