ކުޅިވަރު

ނޭޕާލް ފުރަތަމަ ފަހަރަށް ފައިނަލްގައި ވާދަކުރުމުގެ އުއްމީދުގައި


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ލީގު އުސޫލުން ފަހުމެޗުގައި ބަންގްލަދޭޝާ ދެކޮޅަށް ނުކުންނައިރު ނޭޕާލް އޮތީ ފުރިހަމަޔަށް ތައްޔާރަށް ކަމަށް ނޭޕާލްގެ އެސިސްޓެންޓް ކޯޗު ކިރަން ޝިރެޝްތާ ބުނެފިއެވެ. ގައުމީ ދަނޑުގައި އޮތް ޕްރެސް ކޮންފެރަންސަށް ނޭޕާލްގެ ފަރާތުން މިއަދު ހާޒިރުވީ ޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން ޝިރެޝްތާއެވެ. ޓީމުގެ ކޯޗު ޢަބްދުﷲ އަލްމުތައިރީ މިއަދު ހާޒިރުނުވީ ޓީމުގެ ފަރިތަކުރުންތައް އެގަޑިއަށް ޝެޑިއުލްކޮށްފަ އޮތުމުންނެވެ. މެޗުގެ ކުރިން ވާހަކަދައްކަމުން ޝިރެޝްތާ ބުނީ ނޭޕާލް ޓީމު އޮތީ އެންމެ ހިތްހަމަޖެހޭ ގޮތަށް ކަމަށާއި ނޭޕާލް ފުރިހަމަޔަށް ތައްޔާރުވެފައި އޮތީ ބަންގްލަދޭޝް ބަލިކުރަން ކަމަށެވެ. ޝްރެޝްތާ ބުނީ އުއްމީދަކީ މޮޅަށް ކުޅެ މެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދުންކަމަށެވެ. މެޗަށް ނުކުންނައިރު މިއީ އެހާ ފަސޭހަ ފައްތަރެއްގައި އޮތް މެޗެއް ނޫންކަމަށް ނޭޕާލްގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

"ތައްޔާރީތަށް މިދިޔައީ ވަރަށް ބަރާބަރަށް، އަހަރެމެން މިތިބީ ފުރިހަމަޔަށް މެޗަށް ތައްޔާރުވެފަ، ބޭނުންވަނީ މޮޅަށް ކުޅެ ފައިނަލަށް ދާން" ނޭޕާލްގެ އެސިސްޓެންޓް ކޯޗު ޝިރެޝްތާ ބުންޏެވެ.

ޝިރެޝްތާ ބުނީ އެންމެފަހުން އިންޑިޔާ މެޗާ ޚިލާފަށް މިމެޗުގައި ނޭޕާލުގެ ފަހަތުން ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭކަމަށާއި ނޭޕާލުން ބޭނުންވާ އަމާޒަށް ދެވޭނީ ކުރިޔަށް ކުޅޭ ކުޅުންތެރިން މަސައްކަތް ކޮށްގެންކަމަށެވެ. އެންމެފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ދެ މެޗުވެސް އެޓީމަކަށް ނޭޕާލް މައްޗަށް ކުރި ހޯދިފައެއް ނުވެއެވެ. ބަންގަލަދޭޝް މުބާރާތުގެ ފައިނަލަށް ދެވޭނީ ނޭޕާލުގެ މައްޗަށް ކުރި ހޯދައިގެންނެވެ. މެޗު ނޭޕާލަށް އެއްވަރުކޮށްގެން ވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އޮންނާނެއެވެ. މި މުބާރާތަށް ނޭޕާލް ކުރިމަތިލީ ފުރަތަމަ ފަހަރަށް ފައިނަލުގައި ވާދަކުރުމުގެ އުންމީދުގައެވެ.