މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީ %133.5 އިތުރުކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ޓެކްސްއާއި އެހެނިހެން އާމްދަނީގެ ގޮތުގައި ސެޕްޓެމްބަރުމަހު މީރާއަށް 1.98 ބިލިއަން ރުފިޔާ ވަނީ ބަލައިގެންފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރުމަހު މީރާއަށް ލިބުނު އާމްދަނީ %133.5 އިތުރުވެފައިވާއިރު މިއީ ސެޕްޓެމްބަރުމަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %8.6 އިތުރު އަދަދެއްކަމަށް މީރާއިން ބުނެއެވެ.
މިދިޔަ ސެޕްޓެމްބަރުމަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންކަމް ޓެކްސްއެވެ. އެއީ 745 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ އިންނެވެ. އެއީ 553 މިލިއަން ރުފިޔާއެވެ. މީގެއިތުރުން، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 410 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 72.37 މިލިއަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 53.02 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 147.98 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަމަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 63.45 މިލިއަން އެމެރިކާ ޑޮލަރުވެސް ހިމެނެއެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިންކަމް ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް، ޖީ.އެސް.ޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމެވެ. މިގޮތުން، 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓްގެ ސުންގަޑި ފަސްކުރެވުނު ނަމަވެސް، މިއަހަރުގެ 4 ވަނަ ކުއާޓަރުގެ ކުލި ޝެޑިއުލާ އެއްގޮތަށް ބަލައިގަނެފައިވާތީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައިކަމަށް މީރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މިއަހަރުގެ އިންކަމް ޓެކްސްގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ސެޕްޓެމްބަރުމަހަށް ފަސްކުރުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.