ވިޔަފާރި

އެސްޑީއެފްސީން މިހާތަނަށް 1 ބިލިއަން ރުފިޔާގެ ލޯނު


ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ބޭންކުގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޑީއެފްސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒިމް ހަބީބް ވިދާޅުވީ، އެސްޑީއެފްސީގެ ލޯނު ޕޯޓްފޯލިއޯގެ ތެރެއިން މިހާތަނަށް 854 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. މިއީ 1 ބިލިއަނަށްވުރެ ބޮޑު އަދަދެއްގެ ލޯނުކަން އޭނާ ފާހަގަކުރެއްވިއެވެ. ނާޒިމް ވިދާޅުވީ، ކުދި ވިޔަފާރިތަކުގެ ދާއިރާއިން ކެފޭ، ރެސްޓޯރަންޓްތައް އަދި ސެލޫންތަކުންވެސް ގިނަ އަދަދަކަށް އެބޭންކަށް ލޯނަށް އެދި ހުށައަޅާކަމަށެވެ. މީގެއިތުރުން ފަތުރުވެރިކަމުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިންވެސް އެ ބޭންކުން ގިނަ ލޯނުތަކެއް ދޫކޮށްފައިވާކަމަށެވެ.

"އިނގިވަޑައިގަންނަވާނެ ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތައް މިހާރު މުޅި ރާއްޖޭގައިވެސް ވަރަށް ބޮޑަށް ފުޅާވެފައި މިވަނީ. ރާއްޖޭގެ ހުރިހައި ހިސާބުތަކެއްގައި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމާއި ގުޅުންހުރި އެހެން ދާއިރާތަކަށް އަޅުގަނޑުމެން މިވަނީ ލޯނު ދޫކޮށްފައި. ދެން ރާއްޖޭގެ އިޤްތިސާދުގައި އެންމެ ބޮޑު ދައުރެއް އަދާކުރަމުންދަނީ މަސްވެރިކަން. މަސްވެރިންނަށްވެސް އަޅުގަނޑުމެން މިވަނީ ވަރަށް ގިނަ ލޯނުތަކެއް ދޫކޮށްފައި. މަސްވެރި އުޅަނދު ބަނުމަށާއި މަސްވެރި އުޅަނދު އިތުރަށް އަޕްގްރޭޑްކުރުމަށާއި މަސްވެރިކަމުގެ އެހެނިހެން ހަރަކާތްތައް، އޭގެތެރޭގައި މަސް ހިއްކާ މަސް ޕްރޮސެސްކޮށް އަދި ކަނޑުފަޅު ގޮވާންކުރުމުގެ ހަރަކާތްތަކާއި މިކަހަލަ އެތައް ޕްރޮޖެކްޓްތަކަކަށް އަޅުގަނޑުމެން މިވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައި." ނާޒިމް ހަބީބް ވިދާޅުވިއެވެ.

ކޯވިޑް19 އާއި ގުޅިގެން ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު މާލީ ގެއްލުމުން އަރައިގަތުމަށްވެސް އެސްޑީއެފްސީން ވަނީ ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ކޯވިޑާއި ގުޅިގެން 2 ލޯނެއްވެސް އެސްޑީއެފްސީން ވަނީ ތައާރަފްކޮށްފައެވެ. އެއީ ކޯވިޑް ވިޔަފާރި އެހީ ލޯނާއި ވިޔަފާރި ދިރުން ލޯނެވެ. މި ލޯނުތަކުގެ ދަށުން މުޅި ޖުމްލަ 380 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ.