ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ޕޮލިސް އޮފިސަރުންގެ ޤާބިލުކަން ވަޒަންކުރުމަށްފަހު، ވަޒީފާއިން ވަކިކުރަން ނިންމި ޕޮލިސް ބޯޑުގެ 2 އޮފިސަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. މީގެ އިތުރުން ބޯޑުން ވަކިކުރުމަށް ލަފާދިން އިތުރު އޮފިސަރުންތަކަކަށްވެސް ވަނީ ނޯޓިސް ފޮނުވާފައެވެ.
މަޤާމުން ވަކިކުރުމަށް ނޯޓިސް ފޮނުވާފައިވާ އޮފިސަރުންގެ ތެރޭގައި ހިމެނެނީ އެސިސްޓެންޓް ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްއެވެ. ޕޮލިސް ބޯޑުން ވަޒީފާއިން ވަކިކުރުމަށް ނިންމަވާފައިވާ ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދަށް ނޯޓިސް ފޮނުވާފައެއް ނުވެއެވެ. އެއީ އޭނާ ރާއްޖެގައި ނެތުމުންނެވެ. އޭނަ ހުންނެވީ އޮސްޓްރޭލިއާގައެވެ.
ޕޮލިސް ބޯޑު ޢައްޔަނުކުރާ ތާރީޚުން ފެށިގެން 4 މަސްދުވަހުގެ ތެރޭގައި، ޤާނޫނަށް ޢަމަލުކުރަން ފަށާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްއިން ފެށިގެން މަތީ ރޭންކުގެ ކޮމިޝަންޑް އޮފިސަރުންގެ މަސްއޫލިއްޔަތާއި، ޒިންމާ އަދާކުރުމުގައި އަމަލުކޮށްފައިވާ ގޮތް ވަނީ ބަލައި ދިރާސަކޮށްފައެވެ.
ޤާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ފުލުހުންގެ އޮފިސަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ލާއިންސާނީ އަނިޔާވެރި ޢަމަލެއް ނުވަތަ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ ނުވަތަ މައްސަލައެއް ދައުލަތުގެ އިދާރާއަކަށް ނުވަތަ ކޮމިޝަނަކަށް ރިޕޯޓުކުރެވިފައިވާ އޮފިސަރުންނަކީ މަޤާމާ އެކަށޭނަ ތަޢުލީމާއި ހުނަރާއި މަސައްކަތުގެ ތަޖުރިބާއާއި ނަޒާހަތްތެރިކަން ހުރި އޮފިސަރުންތޯ ވަނީ ބަލައި އެމަސައްކަތް ނިންމާފައެވެ.