ކުޅިވަރު

ޕެރަގުއާއީ އަތުން އާޖެންޓީނާއަށް މޮޅެއް ނުވެވުނު


ދެކުނު އެމެރިކާގެ ވޯލްޑްކަޕް ކޮލިފައިންގައި ފެރަގުއާއީ އަތުން އާޖެންޓީނާއިން ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ރަށުން ބޭރުގައި ކުޅެ އާޖެންޓީނާ އެއްވަރުވީ ލަނޑެއް ނުޖެހިއެވެ. ރޭގެ މެޗުގައި އާޖެންޓީނާގެ އެޓޭކުގައި އެންމެ އިސްކޮށް ހަރަކާތްތެރި ލައުޓަރޯ މާޓިނޭޒް ނުލާ ކުޅުނު މެޗުގައި ކެޕްޓަން ލައޮނަލް މެސީއަށް ވެސް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގައި ފުރަތަމަ ހާފްގައި އާޖެންޓީނާއިން ލަނޑު ޖަހާނެ ފުރުސަތެއް ވެސް ހޯދިފައެއް ނުވެއެވެ. މެޗުގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ ދެވަނަހާފްގައި ޕެރަގުއާއީއަށެވެ. އެހެން ނަމަވެސް އާޖެންޓީނާގެ ކީޕަރު އެމިލާނޯ މާޓިނޭޒް ވަނީ ގިނަ ބޯޅަތަކެއް ދިފާއު ކޮށްފައެވެ. މެޗުގެ ދެވަނަހާފްގައި އާޖެންޓީނާގެ ކޯޗު ލައޮނަލް ސްކެލޯނީ ވަނީ އާޖެންޓީނާއަށް ފަސް ބަދަލު ގެނެސްފައެވެ.

އެހެންމެވެސް އާޖެންޓީނާ އަށް ވަނީ މެޗުގައި މާބޮޑު ތަފާތެއް ނުދެއްކިފައެވެ. މި ނަތީޖާއެކު އާޖެންޓީނާއިން ބަލިނުވެ 23 މެޗު ހަމަކުރި އިރު ކޮލިފައިން ގުރޫޕުގައި އާޖެންޓީނާ އޮތީ 19 ޕޮއިންޓާއެކު ދެވަނައިގައެވެ. ޕެރަގުއާއީ އޮތީ ކޮލިފައިން ޕްލޭއޯފް ޖާގައަށް ވުރެ ދެ ޕޮއިންޓް ފަހަތުން 6 ވަނައިގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމު ވޯލްޑްކަޕަށް ކޮލިފައިވާއިރު ފަސްވަނައަށްދާ ޓީމު ޖެހެނީ ކޮލިފައިން ޕްލޭއޯފް ކުޅެގެން ޖާގަ ޔަގީން ކުރާށެވެ.

ރޭގެ ދެކުނު އެމެރިކާ ކޮލިފައިންގައި އުރުގާއީއާ އާއީ ކޮލަންބިޔާ ލަނޑެއް ނުޖެހި އެއްވަރުވިއިރު އިކުއޭޑޯއިން ވަނީ ބޮލީވިޔާގެ މައްޗަށް 3-0 ލަނޑުން ކުރި ހޯދާފައެވެ.