އެކްސްޕޯ 2020އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި އުފެއްދުންތެރިންގެ ތަކެތި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
"އެކްސްޕޯ 2020 ދުބާއީ" ކުރިއަށްދާނީ ދުބާއީ އެކްޒިބިޝަން ސެންޓަރުގައެވެ. މި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 1ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަކަށެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެކްސްޕޯ އޮންނަ ގޮތުން އެކިއެކި ޤައުމުތައް ޝޯކޭސްކުރުމަށް ފުރުސަތު ލިބިގެންދާކަމަށެވެ. ދިވެހި އުފެއްދުންތެރިންގެ ތަކެތި އެކްސްޕޯގެ ތެރެއިން ފެންނާނެގޮތަށާއި އަދި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ. އެކްސްޕޯއަށް ލިބޭ ތަރުހީބަށް ބެލުމަށްފަހުގައި އިތުރަށް ތަކެތި ފޮނުވަމުންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެކްސްޕޯގެ ތީމް އޮންނަގޮތުން ވަރަށްބޮޑަށް އެކިއެކި ގައުމު ޝޯކޭސްކުރުން މިއޮންނަނީ. މިހާރު ހުޅުވިގެން އެ ކުރިއަށްދަނީ ދެއްތޯ. ބީސީސީގެ ބައެއް ޕްރޮޑަކްޓްތައް އެތަނުން އެކްސްޕޯއަށް އަންނަ ފަރާތްތަކަށް ފެންނާނެ ގޮތަށާއި އަދި ގަނެވޭނެގޮތައް އިންތިޒާމްކޮށްފައި. އެ ޕްރޮގްރާމްގައި ބައިވެރިވި ދިވެހި އާޓިސްޓުންގެ އެއްޗެހި މިހާރު ވާނީ ދުބާއީއަށް ފޮނުވިފައި. ދެން އެއީ 6 މަސްދުވަހުގެ އެކްސްޕޯއަކަށްވާތީ އަޅުގަނޑުމެން އޭގެ މަޤްބޫލުކަން އޮތްވަރުން އެއްޗެހި ވިކޭކަމަށްވަންޏާ އިތުރު އެއްޗެހި ރާއްޖެއިން ގެންދާނެ. އޭގެ ބޭނުމަކީ އާޓިސްޓުންނަށް އޭގެ ޖާގައެއް ލިބުމުގެ އިތުރުން މުޅި ދިވެހިރާއްޖެ ޕްރޮމޯޝަންއެއްގެ ތެރޭގައި އަޅުގަނޑުމެންގެ އަތްތެރި މަސައްކަތާއި މިކަންތައްތައްވެސް ޕްރޮމޯޓްކުރުން." މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.
މިއަހަރުގެ އެކްސްޕޯގައި ރާއްޖޭގެ 40އަށްވުރެ ގިނަ އުފެއްދުންތެރިން ވަނީ ބައިވެރިވެފައެވެ. އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ބީސީސީ މެދުވެރިކޮށް އަދިވެސް މިފުރުސަތު ހުޅުވާލެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
ދުނިޔޭގެ 191 ޤައުމުން މިއެކްސްޕޯގައި ބައިވެރިވާއިރު މިއީ ރާއްޖެ ޕްރޮމޯޓްކުރަން ލިބުނު ވަރަށްރަނގަޅު ފުރުސަތެއްކެވެ. އެކްސްޕޯގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންގައި، ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާ ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށެވެ.