ކުޅިވަރު

މެންޗެސްޓަރ ފޯމު ރަނގަޅު ނުވެއްޖެނަމަ ސޯލްޝެއަރ މެދު ވިސްނަނީ


ކުރިއަށް ހުރި މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯމު ރަނގަޅު ނުވެއްޖެނަމަ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ މަގާމާ މެދު ޔުނައިޓެޑްގެ ބޯޑުގައި މަޝްވަރާތަކެއް ކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ދާދި ފަހުން ޔުނައިޓެޑްގެ ބޯޑްގެ ބައެއް މެމްބަރުން ވަނީ ސޯލްޝެއާއާއެކު ބައްދަލުވުމެއް ބާއްވައި ކްލަބްގެ ހާލަތު ދެނެ ގަނެފައެވެ. މި ވަގުތަށް ބަލާއިރު ބޯޑުގެ ތާއީދު 100 ޕަސެންޓް ސޯލްޝެއާ އަށް އެބައޮތް ކަމަށާއި އެކަމަކު ކުރިއަށް ހުރި މެޗުތަކުގެ ނަތީޖާ ރަނގަޅު ނުކުރެވޭނަމަ ކަންކަން ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ރިޕޯޓގަވެއެވެ. ބޮޑު ހަރަދުކޮށްފައި ނަތީޖާ ނުނެރެވޭނަމަ ވީ އެންމެ އަވަހަކަށް ކޯޗު ބަދަލުކުރަން ޖެހިއްޖެ ހާލަތެއްގައި ޔުނައިޓެޑުން އެ ނިންމުން ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން ބަލިވިއިރު، މޮޅުވީ ދެ މެޗުންނެވެ. މޮޅުވި ދެ މެޗަކީ ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން ފަހު ވަގުތާއި އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް އަތުންނެވެ. ޗެމްޕިއަންސް ލީގުގައި ޔަންގް ބޯއީސް އަތުން ބަލިވިއިރު، ޕްރިމިއާ ލީގުގައި އެސްޓަން ވިލާ އަތުން އަދި ލީގު ކަޕްގައި ވެސްޓް ހޭމް އަތުން ބަލިވެގެން ވަނީ ކަޓާފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި އެވަޓަންއާ 1-1 އިން އެއްވަރުވެފައެވެ. ސޯލްޝެއާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހޯސޭ މޮރީނިއޯ ވަކިކޮށް ވަގުތީ އެއްބަސްވުމެއްގެ ދަށުންނެވެ. ފަހުން އޭނާއަށް ވަނީ ނަތީޖާ ރަނގަޅުވުމުން ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.