މިއަހަރުގެ 3 ވަނަ ކުއާޓަރގައި ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހާމަކޮށްފިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
މިއަހަރުގެ 3 ވަނަ ކުއާޓަރުގައި އަހަރެންގެ ބޭންކުން ފަންޑު ކުރުމަށް ބީއެމްއެލްއިން ހޮވާފައިވާ 5 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނެނީ:
ބ. ކުޑަރިކިލުގައި ސޯލާ ލައިޓް ހަރުކުރުން.
ހއ. ތަކަންދޫގައި ފޮތްކިޔުމަށް ހާއްސަ ތަނެއް ތަރައްގީކުރުން
ވ. ފެލިދޫގައި ޕިކްނިކް އޭރިއާ އެއް ތައްޔާރުކުރުން
ނ. މާޅެންދޫގައި މަސްކަނޑާތަނެއް ތަރައްގީކުރުން
ހއ. މޮޅަދޫގައި އިކޯލޮޖިކަލް ޕާކެއް ގާއިމްކުރުން
ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އެ ބޭންކުގެ އަމާޒަކީ މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ. އަދި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށައެޅޭ ޕްރޮޖެކްޓްތަކުން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާކުރާނެ މުހިންމު ޕްރޮޖެކްޓްތަކަކަށް އެހީތެރިކަންފޯރުކޮށްދިނުން. މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލް ތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނުކަން ފާހަގަކޮށްލަން. މިއިން ދައްކައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީ އާއި މުޖުތަމައުގެ ލާބައަށް މަސައްކަތްކުރުމަށް ބޭނުންވާ މިންވަރު. މިފަހަރު ކޮމިއުނިޓީ ފަންޑަށް ހޮވުނު ފަރާތްތަކަށް ވަރަށް ހޫނު މަރުހަބާއެއް ކިޔަން. އަދި މިދަތި އުނދަގޫ ހާލަތުގައިވެސް ރަށްރަށުގައި މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް އާންމު ފަރުދުންނާއި ޖަމިއްޔާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްފާހަގަކޮށް އެފަރާތްތަކަށް ޝުކުރު ދަންނަވަން." ސައީދު ވިދާޅުވިއެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 55 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައިކަމަށް ބީއެމްއެލްއިން ބުނެއެވެ.