 
										
			ސޯޝަލް މީޑިއާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. 
ސޯޝަލް މީޑިއާގައި ރައީސް ޔާމީން އަވަހާރަކޮށްލަން ގޮވާލާފައިވަނީ ފޭސްބުކްގައި ހަދާފައިވާ އެކައުންޓަކުންނެވެ.
ފުލުހުން ވިދާޅުވީ ސޯޝަލް މީޑިއާގައި ރައީސް ޔާމީނަށް މަރުގެ އިންޒާރުދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންގެންދާކަމަށެވެ. 
ފޭސްބުކްގައި ރައީސް ޔާމީނަށް މަރުގެ އިންޒާރު ދީފައިވަނީ ރައީސް ޔާމީނާ ގުޅޭ ގޮތުން މީހަކު އާއްމު ޕޯސްޓަކަށް ކުރި ކޮމެންޓެއްގައެވެ. 
ރައީސް ޔާމީނުގެ އިތުރުން ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ އިސް ބައެއް ވެރިންނަށް މިފަދަ އިންޒާރު  ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ދޭތީ ފުލުހުން ވަނީ އެފަދަ މައްސަލަތައް ތަޙުޤީގުކޮށް ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ. އަދި ބައެއް މީހުންގެ މިފަދަ މައްސަލަތައް ޝަރުޢީ މަރުހަލާގައިވެސް ކޯޓުތަކުގައި ކުރިއަށްގެންދައެވެ.