ކުޅިވަރު

ބަންގަލަދޭޝްއަކީ މުބާރާތުގެ ވަރުގަދަ ޓީމެއް - އޮސްކާ


ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗަށް ނުކުންނައިރު ބަންގަލަދޭޝް ހިމެނެނީ މުބާރާތުގެ ވާދަކުރާ ވަރުގަދަ ޓީމެއްކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފިއެވެ.

މުބާރާތުގެ ދެވަނަ މެޗުގައި އިންޑިޔާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަކަދައްކަމުން އޮސްކާ ބުނީ ކުރިން ބަންގްލަދޭޝް މެދު އިދުކޮޅު ޓީމުން ދެކޭގޮތް ބަދަލުވެފައިވާ ކަމަށާއި މިހާރު ބަންގަލަދޭޝްއަކީ ވަރުގަދަ ޓީމެއްކަން ސާބިތުކޮއްދެއްވިއްޖެ ކަމަށެވެ. އުރީދޫ ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި މިދިޔަ ހުކުރު ދުވަހު ބަންގްލަދޭޝްއިންވަނީ ސްރީލަންކާއާއި ވާދަކޮށް 1 ލަނޑު 0 ލަނޑުން މެޗް ކާމިޔާބުކޮށްފައެވެ. ބަންގްލަދޭޝްގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ލަނޑު ނުޖެހޭ މައްސަލަ ނޫސްވެރިން ފާހަގަކުރުމުން އޮސްކާ ބުނީ ލަނޑުޖެހުމަކީ ހަމައެކަނި ވަކި ކުޅުންތެރިން ކުރަންޖެހޭކަމެއް ނޫންކަމަށާއި ދަނޑަށް އަރާ ކޮންމެ ކުޅުންތެރިޔަކުވެސް ލަނޑުޖެހުމުގެ ޒިންމާ އޮންނަން ޖެހޭކަމަށެވެ.

"މިހާރު އަހަންނަ އެބަފެނޭ ބަންގްލަދޭޝްއާ މެދު އެހެން ޓީމުތަކުން ދެކޭގޮތް ބަދަލުވިތަން. މުބާރާރުގެ މިހިސާބަށް އައިރު އަހަރެމެންނަށް ސާބިތު ކޮއްދެވިއްޖެ އަހަރުމެންނަކީ ވަރުގަދަ ޓީމެއްކަން." ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މުބާރާތުގެ ކުރިން އަންޑިޔާއަކީ ފޭވަރިޓުން ގޮތުގައި ގަބޫލްކުރެވުނަސް އެއްފެންވަރެއްގެ ވަރުގަދަ ޓީމުތަކެއް މުބާރާތުގައި ވާދަކުރާކަމަށެވެ. އޭނާ ބުނީ އިންޑިޔާ ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެއްވަރުކުރަން މަސައްކަތް ނުކުރާނެ ކަމަށާއި ކިތަންމެއް ހަނި ފުރުސަތެއް ލިބުނަސް މޮޅުވާން މަސައްކަތް ކުރާނެކަމަށެވެ. މެޗުގެ ކުރީ ކޮޅު އިންޑިޔާއިން ލަނޑެއް ޖަހަން މަސައްކަތް ކުރާނެ ކަމަށާއި އެކަން ހުއްޓުވިއްޖެނަމަ ބަންގްލަދޭޝްގެ އަމާޒަށް ދިޔުމަށް މަގުތަކެއް ފަހިވެގެން ދާނެކަމަށް އޮސްކާ ބުންޏެވެ. ވޯލްޑްކަޕް ކޮލިފައިންގައި ޖޫންމަހު މި ދެޓީމު ވާދަކުރި މެޗު 2-0 ލަނޑުން ކާމިޔާބުކުރީ އިންޑިޔާއެވެ.