ޚަބަރު

ގަދަރަތާއެކު، މުޅި ޤައުމު ތައްޔާރު!


ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެންޕިއަންޝިޕް މިއަދު ރާއްޖޭގައި ފަށާނެއެވެ. ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރަނީ ސްރީލަންކާއާއި، ބަންގްލަދޭޝްއެވެ.

މިފަހަރުގެ އުރީދޫ ސާފްޗެންޕިއަންޝިޕް ކުލަގަދަ ރަސްމިއްޔާތަކާއެކު ފެށުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މިރޭގެ ރަސްމިއްޔާތަށްފަހު ދިވެހި ޤައުމީ ޓީމު ދިވެހި ސަޕޯޓަރުންނާއި، ދިވެހި ރައްޔިތުންގެ އުންމީދު ހަޤީގަތަކަށް ހެދުމަށް ފުރަމަ ކުރިމަތިލުމާއި މިރޭ ކުރިމަތިލާނެއެވެ. ނޭޕާލާ ދެކޮޅަށް ކުޅެ މިމެޗަކީ މުބާރާތުގެ ތައްޓާ ހަމައަށް ވާސިލު ވުމަށްޓަކައި ވަރަށް މުހިންމު މެޗެކެއެވެ.

ކޯވިޑް-19އާއެކު އެތައް ދުވަހު ގޭބަންދުވެފައި ތިބުމަށްފަހު ޤައުމީ ފޯރިއާއި ޤައުމީ ޖޯޝު އަލުން ގެނުވަން ލިބޭ މިފުރުސަތައް ދިވެހި ސަޕޯޓަރުންވެސް ތިބީ ކެތްމަދުވެފައެވެ. ސަޕޯޓަރުންގެ އުންމީދުތައް ގުޅިފައިވަނީ މުބާރާތުގެ ތައްޓާއެވެ. ޤައުމީ ޓީމު ކުޅޭ ކޮންމެ މެޗަކީވެސް ދިވެހި ސަޕޯޓަރުންނަށް ފައިނަލް މެޗެކެވެ. ދިވެހި ސަޕޯޓަރުންނަކީ ޤައުމީ ޓީމަށް ހިތްވަރުދީ ޓީމަށް ކާމިޔާބު ހޯދައި ދިނުމުގައި ނަމޫނާ ދައްކާފައިވާ ހިތްވަރު ގަދަ ރަތް ލަޝްކަރެކެވެ.

މިއީ ދިވެހިންގެ އަމިއްލަ ފަސްގަނޑުގައި ސާފް ޗެންޕިއަންޝިޕް ބާއްވައި، ތަށި ހޯދުމަށް ލިބޭ ފުރަމަ ފަހަރެވެ. ނަމަވެސް މިއީ އެންމެ ފަހުގެ ޗެންޕިއަން މިމުބާރާތުގެ ތަށި ދިފާއު ކުރުމަށް ނިކުންނަ ތިންވަނަ ފަހަރެވެ. މިއީ ދިވެހިންނަށް އަމިއްލަ ފަސްގަނޑުގައި ފުޓުބޯޅައިގެ މިފަދަ ބޮޑު މުބާރާތެއްގެ ތަށި ހޯދުމަށް ލިބޭ ރަނުގެ ފުރުސަތެވެ.

ދިވެހި ޓީމު މިމުބާރާތައް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައެވެ. ކޯވިޑް-19 އާއިއެކު ހުރި ގޮންޖެހުންތަކާއިއެކުވެސް ޓީމުންވަނީ މުބާރާތައް ވާންޖެހޭ އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ. މިފަހަރުގެ މުބާރާތް އަމިއްލަ ފަސްގަނޑުގައި ކުޅޭއިރު، މުޅި ޤައުމީ ޓީމަކީވެސް އެކުލަވާލެވިފައިވަނީ ސައްތައިން ސައްތަ ދިވެހި ޓީމެއްގެ ގޮތުގައެވެ. ޓީމުގެ ކޯޗިން ސްޓާފުންނަކީ މީގެ ކުރިން ބޭއްވި މިފަދަ މުބާރާތްތަކުގައި ބޭރު ޤައުމުތަކަށް ނިސްބަތްވާ މީހުންކަމަށް ވީނަވެސް މިފަހަރު ކޯޗިން ސްޓާފުންނަކީވެސް ސައްތައިން ސައްތަ ދިވެހި ކޯޗިން ސްޓާފުންގެ ޓީމެކެވެ.

މުބާރާތުގައި ވާދަކުރާ ދިވެހި ޓީމާއިއެކު ކުރެވޭ އުންމީދުތައް ގުޅިފައިވަނީ ކޯޗު އަލީ ސުޒައިނުން ފެށިގެން 12 ވަނަ ކުޅުންތެރިޔާ އާއި ހަމަށެވެ. މުބާރާތުގައި ވާދަކުރާ ޤައުމީ ޓީމަކީ ޒުވާން އެހެން ނަމަވެސް ތަޖުރިބާހުރި ގިނަ ކުޅުންތެރިންނާއިއެކު ނިކުންނަ ޓީމެކެވެ. ޓީމުގައި ޤައުމީ ބަތަލު އަދި ސަރަހައްދީ އެންމެ އިތުބާރު ފޯވާޑު އަލީ އަޝްފާޤު ހިމެނޭކަމީ ޓީމާއިމެދު ދިވެހިން ކުރާ އުންމީދު ބޮޑުވާ ކަމެކެވެ. އަޝްފާޤުގެ އިތުރުން، އުމަރު، ކެޕްޓަން އަކްރަމް، އައްސަދު އަލީ، އީސަ، އަލީ ފާސިރު، އަދި ކީއްޕަރު ފައިސަލްއާއިއެކު އޮތް ބާކީ ތިބި ޒުވާން ކުޅުންތެރިންނަށް ދިވެހިން ކުރާ އުންމީދު ނުހަނު ބޮޑެވެ.

މިފަހަރުގެ މުބާރާތަށް ދިވެހި ޓީމު ވެފައިވާ ތައްޔާރީތަކާއިމެދު ކޯޗު ސުޒައިންގެ އެއްވެސް ބަހަނާއެއްނެވެ. އަމާޒު ހުރީ ސީދާ ތައްޓަށެވެ. މިފަހަރުގެ މުބާރާތުގައި ދިވެހި ޓީމަށް ހިތްވަރުދީ މުބާރާތް ކާމިޔާބް ކުރުމަށް ސަޕޯޓަރުންނާއިއެކު ދިވެހި ސަރުކާރުވެސް އޮތީ ތައްޔާރަށެވެ. ޤައުމީ ޓީމާއި ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުބާރާތުގައި ޓީމު މޮޅުވާ ކޮންމެ މެޗަކަށް ބޯނަސްއެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިން ތިބީ ޤައުމީޓީމާއެކު ތިން ވަނަ ފަހަރަށް ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރުމަށްކަމަށެވެ. އަދި ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ޤައުމެއްކަމަށާއި، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށްކަމުގައި ރައީސް ވިދާލުވިއެވެ.

މިއަދު ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނޭހެން 5 ޤައުމަކުން ވާދަކުރާއިރު މި މުބާރާތް ކުރިއަށްދަނީ މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއިން ވަނީ 2008 އަހަރާއި، 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކޮށްފައެވެ. މިއީ މުބާރާތުގެ ތަށި ދިފާއުކޮށް އަމިއްލަ ފަސްގަނޑުގައި ބެހެއްޓުމަށް ލިބޭނެ ރަނުގެ ފުރުސަތެވެ.