ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންނަށް ބޫސްޓަރ ޑޯޒްއެއް ދިނުމަށް އެޗްޕީއޭއިން ނިންމައިފިއެވެ.
މިކަން ހާމަކުރައްވާ އެޗްޕީއޭއިން ނެރުނު އިޢުލާންގައި ވިދާޅުވީ މިފަދަ މީހުންނަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ނިންމާފައިވަނީ ފައިޒަރ ވެކްސިންކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ނެރުނު އިޢުލާނުގައި ވަނީ ކޯވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުމުގެ ނުރައްކާ ބޮޑުވެދާނެ މީހުންނާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތް ދޭ މީހުންނަށް ތިން ވަނަ ޑޯޒެއް ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒާރީ ގްރޫޕް އޮން އިމުނައިޒޭޝަނުން ލަފާ ދީފައިވާކަމަށެވެ. އަދި މި ލަފާ ދީފައި ވަނީ މިކަމާ ބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ބޫސްޓަރ ޑޯޒް ޖެހުމުގައި އުމުރުން 60 އަހަރު މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްކަންދޭނެކަމަށެވެ. އަދި މި ވަގުތު ވެކްސިންގެ ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖެހުމަށް ހަމަޖައްސާފައިވަނީ ފައިޒާ ވެކްސިން އެކަނިކަމަށާއި މި ޑޯޒް ދޭން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ބޫސްޓާ ޑޯޒެއް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އާދިއްތަ ދުވަހުން ފެށިގެން މި ބޫސްޓާ ޑޯޒް ޖަހައިދޭނީ މާލެ ސަރަހައްދުގެ ތިން ހޮސްޕިޓަލަކުންނެވެ. އެއީ އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި އަދި ވިލިމާލެ ހޮސްޕިޓަލުންނެވެ.
އެޗްޕީއޭއިން ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ފިޔަވާ އެހެން ހުރިހާ ހޮސްޕިޓަލަކުން ހެނދުނު 9:00 އިން 14:00 އަށް ވެކްސިން ޖަހާދޭނެކަމަށެވެ. އަދި ވިލިމާލެ ހޮސްޕިޓަލުން ހެނދުނު 10:00 އިން 12:00 އަށް ވެކްސިން ޖަހާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން book.hpa.gov.mv އިން އެޕޮއިންޓްމަން ހެއްދޭނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.