ހިޔާ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ކަރަންޓްގެ ޚިދުމަތް ނުގުޅިވާ އެޕާޓްމަންޓުތަކުގެ ވެރިން އޮންލައިންކޮށް ކަނެކްޝަން ގުޅައިދިނުމަށް އެދުމުގެ އިންތިޒާމް ސްޓެލްކޯއިން ހަމަޖައްސައިފިއެވެ. 
ސްޓެލްކޯއިން ވިދާޅުވީ ހިޔާ ފްލެޓްތަކުގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް  ސްޓެލްކޯގެ ޚިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 މީހުން ކަމަށެވެ. އަދި މީގެ ތެރެއިން 5828 ފްލެޓެއްގެ ވެރިފަރާތުން އެގްރީމަންޓްގައި ސޮއިކޮށްފައިވާކަމަށާއި  މިހާތަނަށް ސޮއިކޮށްފައިވާ %95 ކަސްޓަމަރުންނަށް ކަނެކްޝަން ގުޅާދީފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.  އެގްރީމަންޓްގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާއި ހެދި ކަސްޓަމަރަށް ހާޒިރުނުވެވިގެން ކަނެކްޝަން ދެވިފައިނުވާ  280 އެޕާޓްމަންޓެއް އަދިވެސް އެބަ ހުއްޓެވެ. އަދި އެމީންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް  މިހާރު ހަމަޖައްސާފައިވާކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. 
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްގެ ޓަވަރުތަކަށް ކަރަންޓް ގުޅަން ފެށީ މިދިޔަ އޯގަސްޓްމަހުގެ ތެރޭގައެވެ. 
މިވަގުތު 40އަށްވުރެ ގިނަ ޢާއިލާ، ފްލެޓްތަކަށް ދިރިއުޅުން ވަނީ ބަދަލުކޮށްފައެވެ. އަދި އަނެއްބަޔަކު އަންނަނީ ފިނިޝިންގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ވަނީ އަންނަ ޑިސެމްބަރުމަހުގެ ނިޔަލަށް ކުލި ނުނަގާ ފުނިޝިންގެ މަސައްކަތްތައް ނިންމުމަށް މުއްދަތު ދެއްވާފައެވެ. އަދި މިހާރު  އެ ސަރަޙައްދަށް ބޭނުންވާ އެހެނިހެން ވަޞީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.