މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤު ލިބިގަތުމަށްޓަކައި، ވީހާ ފަސޭހަ އަދި ޒަމާނީ، އަވަސް މަގުތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ އަމާޒެއްކަމަށް އިންފޮރމޭޝަން ކޮމިސަނަރު އަޙްމަދު ޢާހިދު ރަޝީދު ވިދާޅުވެއްޖެއެވެ. އާހިދު މިހެން ވިދާޅުވީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. 
ބައިނަލްއަޤްވާމީ ގޮތުން ފަހާގަކުރާ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބުގައި އިންފޮރމޭޝަން ކޮމިޝަނަރ ވިދާޅުވީ މަޢުލޫމާތުގެ ހައްޤު ޔަގީންވުމަކީ ދައުލަތް ޖަވާބުދާރީކޮށް، ދައުލަތުގެ ހިންގުމުގައި ބައިވެރިވެ، އެންމެންގެ ވިސްނުމާ ބައިވެރިވުމާއެކު ދައުލަތް ހިންގުމަށް ފުރުސަތު ލިބޭކަމެއްކަމަށެވެ. 
މިގޮތުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ ހުރިހާ މައްސަލަތަކެއް ގާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި،  ރައްޔިތުންނަށް އެ ގާނޫނުން ލިބިދޭ ހައްގު ކަށަވަރުކޮށްދިނުމަކީ  އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ލިބިގަތުމަށް ޓަކައި، ވީހާ ފަސޭހަ އަދި ޒަމާނީ، އަވަސްމަގުތައް ރައްޔިތުންނަށް ތަނަވަސްކޮށްދިނުމަކީ ވެސް މުހިއްމު އަމާޒެއްކަމަށް އާހިދު ވިދާޅުވިއެވެ. އެގޮތުން، މައުލޫމާތު ބޭނުންވާ ފަރާތްތަކުން މައުލޫމާތަށް އެދުމަށާއި މުއައްސަސާތަކުން މައުލޫމާތު ފޯރުކޮށްދިނުމުގައި ފަސޭހަކަމާއެކު އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނޭ ގޮތަށް ފަރުމާކުރެވިފައިވާ ޕޯޓަލްއެއްގެ މަސައްކަތް ނިމެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. 
އާހިދު ވިދާޅުވީ ސިއްރިއްޔާތުގެ ސަގާފަތަކުން ހާމަކަމާއި ޖަވާބުދާރީވުމުގެ ސަގާފަތަކަށް ކުއްލިއަކަށް ބަދަލު ނުވިނަމަވެސް ސިއްރިއްޔާތުގެ ސަގާފަތެއް ޚިޔާރު ކުރުމަކީ މުއައްސަސާއާމެދު އިތުބާރު ގެއްލި،
ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއްކަމަށެވެ. 
"ގާނޫނުގައި ހުދާއި ކަޅުން ލިޔެވިފައި އޮތް ނަމަވެސް ދައުލަތުގެ ބައެއް މުއައްސަސާތަކުން ގާނޫނު މާނަކުރުމުގައި ހާމަކަމާއި ޖަވާބުދާރީވުމަށް ހުރަސް އެޅޭ ވިސްނުން ގެންގުޅުއްވާކަމީ ހިތާމަހުރިކަމެއް ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ދައުލަތުގެ ޒިންމާއެއް އަދާނުކުރާ އެއްވެސް މުއައްސަސާއެއް ހުރެދާނެކަމީ، އަހުރެންނަށް ގަބޫލުކުރަން ފަސޭހަކަމެއް ނޫން."އިންފޮރމޭޝަން ކޮމިޝަނަރ އަޙްމަދު ޢާހިދު ރަޝީދު ވިދާޅުވިއެވެ. 
އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ އެނާ މަޤާމާ ހަވާލުވިއިރު، އެ މަޤާމުގައި މީހަކު ނެތުމުގެ ސަބަބުން އޮފީހުގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް އޮތީ ގާނޫނީ ހުސްކަމެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ކުރިއަށް ނުގެންދެވި ހުރި މައްސަލަތައް އަވަހަށް ބެލުމަށްޓަކައި މަސައްކަތް ފަށާއި އެފަދަ 12 މައްސަލަ މިވޭތުވެ ދިޔަ 23 ދުވަހުގެތެރޭގައި ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 
ދައުލަތުގެ ޒިންމާއެއް އަދާކުރައްވާ އެންމެހާ މުއައްސަސާތަކުން މި ގާނޫނަށް އަމަލުކުރުމުގައި ފަސްނުޖެހި ގާނޫނު ބުނާ އެންމެ ފުޅާ ދާއިރާގައި ރައްޔިތުންގެ މި އަސާސީ ހައްޤަށް އިޙްތިރާމް ކުރުމަށް އާހިދު ވަނީ އިލްތިމާސްކުރައްވާފައެވެ. އެ ގާނޫނުގެ އިމުގެ ތެރެއިން ދޫކުރަންޖެހޭ  އެންމެހާ މައުލޫމާތު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދޫކުރުމަކީ  އަދި ހާމަކުރަންޖެހޭ  މައުލޫމާތު އަމިއްލަ އިސްނެންގެވުމުގެ މަތީން ހާމަކުރެއްވުމަކީ، އެ މުއައްސަސާއެއްގެ މައްޗަށް ރައްޔިތުންގެ އިތުބާރު ލިބިގެން ދާނޭކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.