ޚަބަރު

ވީއައިއޭގެ މަސައްކަތްތައް ނާއިބް ރައީސް ބައްލަވާލައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޒިޔާރަތްކުރައްވައި އެތަނުގައި ޚިދުމަތްދޭ އެކި މުޢައްސަސާތަކުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.

މިއަދު ހަވީރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެތަނުގައި ޚިދުމަތްދޭ އެކި މުވައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި އެބޭފުޅުންގެ މަސައްކަތްތަކާއި އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޢުލޫމާތު ހޯއްދެވިއެވެ.

މި ޒިޔާރަތްކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި އެމް.އޭ.ސީ.އެލްގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އެ މުވައްސަސާތައް ހިންގުމުގައި ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި މިހާރު ފަތުރުވެރިން އަންނަލެއް އިތުރުވާކަން ފާހަގަކުރައްވާ މިބައްދަލުކުރެއްވުމުގައި އެމުވައްސަސާތަކުގެ އިސް ބޭފުޅުން ވަނީ އެބޭފުޅުން ދެއްވާ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ސަމާލުކަންދެއްވައި އެކަންކަން އެޗް.ޕީ.އޭގެ ޤަވާއިދާ އެއްގޮތަށް ކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމެޖެންސީ ހާލަތްތަކުގައި އެހާލަތަށް އިސްކަންދެއްވައިގެން ކުރަން ހުންނަ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށް ވިދާޅުވިއެވެ. މީގެ އިތުރުން ހުރިހާ މުވައްސަސާތަކުންވެސް ގުޅިގެން މަސައްކަތްކުރުމަށް އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި އެދިލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތްކުރެއްވުމުގައި އެމަނިކުފާނު ވަނީ ޑޮމެސްޓިކް ޓަރމިނަލްއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. އަދި އެވަގުތު ވީ.އައި.އޭ އަދި ޑޮމެސްޓިކް ޓަރމިނަލްގައި ތިބި ބައެއް ފަސިންޖަރުންނާވެސް އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން އެއާޕޯޓުގައި އަލަށް ތަރައްޤީ ކުރަމުންދާ ވީ.އައި.ޕީ އަދި ސީ.އައި.ޕީ ޓާމިނަލްވެސް އެމަނިކުފާނުވަނީ ބައްލަވާލައްވާފައެވެ.