ކުޅިވަރު

ފަހުވަގުތުގައި އޭސީ މިލާން މޮޅުވެ އެއްވަނައަށް


އިޓާލިއަން ސެރިއާގައި ފަހުވަގުތު އޭސީ މިލާން މޮޅުވެ އެއްވަނައަށް ކުރިޔަށްޖެހިލައިފިއެވެ. ރަށުންބޭރުގައި މިލާން މޮޅުވީ ސްޕީޒިޔާ އަތުން 2-1 ލަނޑުންނެވެ.

މިލާން ފުރަތަމަ ލަނޑު ކާމިޔާބުކޮއްދިނީ އެޓީމުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑީނީ ދަރިފުޅު އުމުރުން 19 އަހަރުގެ ޑެނިއަލް މަލްޑީނީއެވެ. މިއީ މަލްޑީނީ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ޑެނިއަލް މަލްޑީނީ ލަނޑުޖަހައިފަ މިވަނީ އޭނާގެ ބައްޕަ ޕައުލޯ މަލްޑީނީ މިލާނަށް އެންމެފަހުން ލަނޑެއް ޖެހިތާ 13 އަހަރާ 179 ދުވަސް ފަހުންނެވެ.

ސްޕީޒިއާ އިން ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނިއަލޭ ވާޑޭއެވެ. މިލާން މޮޅުވި ލަނޑު މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވވަނިކޮށް ކާމިޔާބުކޮށްދިނީ ބްރަހިމް ޑައިޒްއެވެ. މި މޮޅާއެކު މިލާން އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކުގައެވެ. ލީގުގައި ރޭ އެޓަލަންޓާއިން ވަނީ އިންޓަމިލާން އަމިއްލަ ދަނޑުގައި ދަމަހައްޓަމުން އައިސްފައިވާ މޮޅުވުމުގެ ރެކޯޑް ނިމުމަކަށް ގެނެސްފައެވެ. އިންޓަމިލާން އާއި އެޓްލާންޓާއާ ވާދަކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރުވެފައެވެ.

އިންޓަމިލާންއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ލައުޓަރޯ މާޓިނޭޒްގެ އިތުރުން އެޑިން ޒެކޯއެވެ. ރޭގައި ޒެކޯ ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ކުރިން އިންޓަމިލާނަށް ކުޅުނު އާޖެންޓީނާގެ ޑިއެގޯ މިލިޓޯ މީގެ 12 އަހަރުކުރިން އިންޓަމިލާނަށް ފުރަތަމަ ހަމެޗުގައި ފަސް ލަނޑު ޖެހިފަހުން އެއަދަދަށް ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. އެޓަލާންޓާއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ރުސްލާން މިލޮނޮވެސްކީގެ އިތުރުން ރަފޭލް ޓޮލޯއީއެވެ.

އެޓަލާންޓާ އަތުން ލިބުނު ޕޮއިންޓާ އެކު އެންމެ ފަހުގެ ޗެމްޕިއަން އިންޓަމިލާން ތިންވަނައިގައި އޮތީ ލީގުގެ ކުރީގައި އޮތް މިލާން އަށްވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެން. އެޓްލާންޓާ އޮތީ ލީގުގެ ފަސްވަނައިގަ.