މިއަހަރުގެ މިހާތަނަށް ދައުލަތަށް، ޢާމްދަނީގެ ގޮތުގައި 12.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ފިނޭންސް މިނިސްޓްރީން ޢާންމުކުރައްވާފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 16ވަނަ ދުވަހާ ހަމައަށް ދައުލަތަށް ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 12.5 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ޢާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާއެވެ.
ފިނޭންސް މިނިސްޓްރީގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޢާމްދަނީގެ %73 ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. އެއީ 9.1 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 10.9 ބިލިއަން ރުފިޔާއެވެ.
މިއަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް އުޅެނީ 20.2 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ޚަރަދުތައް އުޅުނީ 29.1 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން މިއަހަރު ދައުލަތުގެ ޚަރަދުތައް ވަނީ ދަށްވެފައެވެ. މިއަހަރު އެންމެ ބޮޑު ޚަރަދެއްކޮށްފައިވަނީ ރިކަރަންޓް ޚަރަދުތަކަށެވެ. އެއީ %76އެވެ. ޢަދަދުން ބަލާނަމަ މިއީ 15.4 ބިލިއަން ރުފިޔާއެވެ. އެންމެ ބޮޑުބައެއް ހޭދަކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި ޕެންޝަނަށެވެ. އެއީ6.7 ބިލިއަން ރުފިޔާއެވެ.
ޚަރަދުތަކުގެ %24 ހޭދަކޮށްފައިވަނީ ކެޕިޓަލް ޚަރަދުތަކަށެވެ. އެއީ 4.7 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.