ނިމިިދިޔަ ސަރުކާރުތަކުން ރައްޔިތުންގެ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް ވެފައިވަ އިހުމާލުތަކަކީ، މިސަރުކާރުން އެކަންކަން ނުކޮށް ދޫކޮށްލާނެ ކަންތައްތަކެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މިސަރުކާރުން އެއްވެސް ރަށެއް ތަފާތު ކުރުމެއްނެތި އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުންދާކަމަށެވެ.
ރައްޔިތުންގެ މަޖިލީހަށް ފެލިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ފުލިދޫ ރަށްގިރުގެ މައްސަލައިގެ ޤަރާރުގެ ބަހުސްގެ މަރުހަލާގައި ޒިޔާދު ވިދާޅުވީ ސިޔާސީ ގޮތުން ވަކި މަޤްސަދެއް ހާސިލްކުރުމަށް މައްސަލަ ހުށަހަޅުއްވާއިރުވެސް ކަމުގެ ހަގީގަތް ގަބޫލު ކުރަންޖެހޭކަމަށެވެ. މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ރާއްޖޭގެ އެތައް ރަށެއްގެ ރައްޔިތުން ތިބީ ނަޖިސް ފެނުން ފެންވަރައި ނުހަނު ހިތްދަތި ހާލަތެއްގައި ކަމަށެވެ.
ޒިޔާދު ވިދާޅުވީ ފެލިދުއާއި، ފުލިދޫގެ ރަށްގިރުމުގެ މައްސަލަ ދިމާވެފައިވަނީ 2018 ވަނަ އަހަރުން ފެށިގެން ނޫންކަން އެދާއިރާގެ ރައްޔިތުންވެސް ގަބޫލު ކުރާކަމަށާއި، އެރަށްތަކަށް ސަރުކާރުތަކުން ވެފައިވާ އިހުލާމުތަކަށް އިޖާބަ ދެމުންދަނީ މިސަރުކާރުންކަމަށެވެ. ޒިޔާދު ވިދާޅުވީ ޒަމާނުއްސުރެއް ރާއްޖޭގައި އޮތް ތަފާތުކުރުން ނައްތާލައި، ކުޑަރަށެއް ބޮޑު ރަށެއް، އަދި އާބާދީގެ ފަރަގަކަށް ބެލުމެއްނެތި މިސަރުކާރުން ކޮށްދެމުންދާ މަސައްކަތް އަތޮޅުތެރޭގެ ކޮންމެ ރަށަކުންވެސް ފެންނާނެކަމަށެވެ.
މިމައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ރަށް ގިރުމުގެ މައްސަލަތަކަކީ ޒަމާވީ މައްސަލައަކަށްވާއިރު، މިމައްސަލައަށް ދާއިމީ ހައްލެއް ހޯދަން ޖެހޭކަމަށް ވިދާޅުވެފައެވެ. ރަށްތައް ގިރުުމުގެ މައްސަލައާއި އަސާސީ އެނޫންވެސް ކަންކަން 90ގެ އަހަރު ތަކުން ފެށިގެން ބަޖެޓްގައި ޖެހި މިއަދާއި ހަމައަށްވެސް ނުވާއިރު، މިސަރުކާރުން މިބުރަ މަސައްކަތާއި ހަވާލުވެ ތަންފީޒު ކުރަމުންދާކަމީ ފެންނަން އޮތް ހަގީގަތްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ތަޅުމުގައި ޤަރާރު ހުށަހަޅުއްވަމުން ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ވިދާޅުވީ ވ.ފެލިދޫ އާދަޔާއި ޚިލާފަށް ގިރަމުންދާތީ އެކަމުގެ ސަބަބުން ފުލިދޫގެ ތިމާވެއްޓަށް ދިމާވެފައިވާ ނާޒުކު ހާލަތުގެ ސަަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިވެ އިޤްތިޞާދީ ގެއްލުންތަކާއި، ނޭދޭވެ އަސަރުތައް ކުރަމުންދާކަމަށެވެ. މިކަމުގެ ސަބަބުން ރަށުގެ ތިމާވެށި ނާޒުކު ހާލަތަކަށް ވެއްޓި، ފެލިދޫ ރައްޔިތުންނަށް ބިރުވެރިކަން ކުރިމަތިވެ ރައްޔިތުންގެ ގޯތިގެދޮރަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެފަރާތްތަކުގެ ދިރިއުޅުމަށް ކުރިމަތިވާ ގޮންޖެހުންތައް ބޮޑުވެފައިވާކަމަށްވެސް ފަޒުލް ވަނީ ވިދާޅުވެފައެވެ.