ރާއްޖޭގެ ކަނދުފަތީގެ ވިއުގައަށް އަންނަ އަހަރުގެ ތެރޭގައި އިތުރު 30 ކަނދުފަތި އިތުރުކުރައްވާނެކަމަށް މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، 5 ވަނަ ޖީލުގެ މަސްދޯނި ފަހަރު ފަރުމާކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ، 1981 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކަނދުފަތި އަޅަމުންގެންދާކަމަށެވެ. މިއީ މަސްވެރިން ތެލަށް ކުރާ ޙަރަދު ކުޑަކުރުމަށް ސަރުކާރުން ކުރަމުން އަންނަ މުހިންމު ކަމެއްކަމަށެވެ. އަދި ކަނދުފަތީގެ ސަބަބުން މަސްވެރިންނަށް ފަސޭހައިން މަސް ބޭނި އަދި ފެކްޓްރީތަކަށް ބޭނުންވާ މަސްވެސް ޤަވާއިދުން ލިބެމުންދާނެކަމުގެ ޔަޤީންކަން ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގެ ވަށައިގެން 56 ކަނދުގެ ވިއުގައެއް އެބައޮތްކަމަށެވެ. އަދި އަންނަ އަހަރު ކަނދުފަތީގެ ވިއުގައަށް އިތުރު 30 ކަނދުފަތި އިތުރުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވަން ބޭނުންވޭ އަޅުގަނޑުމެން ކުރިއަށްއޮތް އަހަރުގައި އިރާދަކުރެއްވިއްޔާ 56 ކަނދުފަތީގެ ވިއުގައަށް އިތުރު 30 ކަނދުފަތި އިތުރުކުރުމަށް މިދަނީ މަސައްކަތްކުރަމުން. އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރާ ގޮތުގައި އިރަދަކުރެއްވިއްޔާ މިކަން ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓް އަންނަ އަހަރު ބަޖެޓްތެރޭގައި އަޅުގަނޑުމެންނަށް ލިބޭނެ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ދޮށީގެ މަސްވެރިކަމަށް ޙާއްސަކޮށްގެން ރާއްޖޭގައި އަޅާފައި ހުންނަ ކަނދުފަތި ކައިރިއަށް ޒުވާނުން ގޮސް ނަނު ފައްތައިގެން މަސް ބާނާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އޭގެ ސަބަބުން ދޮށީގެ މަސްވެރިންނަށް އުނދަގޫތަކެއް ކުރިމަތިވަމުންދާކަމަށެވެ. އަދި މުނިފޫހިފިލުވުމަށްޓަކައި މަސް ބާނަން ދިއުމަކީވެސް ވަރަށް މުހިންމު ކަމެއްކަމަށާއި މިކަމަށް ޙާއްސަކޮށްގެން ރަށުގެ ކައިރީގައި ސަރުކާރުން ޙާއްސަ ކަނދުފަތިތަކެއް އެޅުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިއައި ބަދަލު އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އޭގެ ނަތީޖާއަކީ ސަރުކާރުން އިކްރިއޭޝަނަލް ފިޝިންއަށްވެސް ހިތްވަރު ލިބޭގޮތައް ރަށާގާތުގައި ކަނދުފަތި އަޅަން ވިސްނުން. އިރާދަކުރެއްވިއްޔާ މިއަހަރު އޭގެ ފުރަތަމަ ކަނދުފަތި އަޅުގަނޑުމެން އަޅާނަން. އަދި އަންނަ އަހަރު ތެރޭގައި އިތުރު ކަނދުފަތިތައް އަޅުގަނޑުމެން އެ ސަރަހައްދުތައް ފާހަގަކޮށްފަ އެކަންވެސް ކުރާނަން." މިނިސްޓަރ ވިދާޅުވިއެވެ.
ދޮށީގެ މަސްވެރިކަމަށް އަޅާފައި ހުންނަ ކަނދުފަތިތަކަކީ 15 މޭލާއި 20 މޭލާއި ދޭތެރޭގައި އަޅާފައި ހުންނަ ކަނދުފަތިތަކެކެވެ. މި ކަނދުފަތިތައް ހުންނަނީ ގާތްގަނޑަކަށް 1.5 ކިލޯމީޓަރާއި 2 ކިލޯމީޓަރުގެ ފުންމިނުގައެވެ.