ޚަބަރު

ވެމްކޯގެ ދޮރުމައްޗަށް ކުނި އެޅުނީ އޮޅުމަކުން - ނަރީޝް


މާލޭގެ މަގުތަކަށް ޖަމާވެފައިހުރި ކުނިތަށް ސިޓީ ކައުންސިލުން ނަގައި ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންގެ ދޮރުމައްޗަށް އަޅާލެވުނީ މުވައްޒަފުންގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމުގައި އެރި އުޅުމަކުންކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ. މާލޭގެ ކުނި ނެގުމުގެ ޚިދުމަތް ދެމުން އަންނަ ވެމްކޯއިންވަނީ ރަޖިސްޓްރީ ނުކުރާ ގޭބިސީތަކުން ކުނި ނެގުން ހުއްޓާލާފައެވެ.

ރަޖިސްޓްރީނުކުރާ ގެތަކާއި ފައިސާ ނުދައްކާ ގެތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯއިން ހުއްޓާލުމާ ގުޅިގެން، މިފަދަ ގޭގޭގެ ކުނިތަށް މާލޭގެ މަގުތަކަށްވަނީ ޖަމާވެފައެވެ. މި ކުނިތައް ނެގުމުގެ މަސައްކަތް ސިޓީކައުންސިލްގެ މުވައްޒަފުން މެދުވެރިކޮށް ނެގުމުގެ މަސައްކަތް ކައުންސިލުންވަނީ ކޮށްފައެވެ. ނަމަވެސް މަގުތަކުންނެގި ކުނިތައް ސިޓީކައުންސިލްގެ ވެހިކަލްގައި ގެންގޮސް މާލޭގެ، ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ ދޮރުމަށްޗަށް އަޅާލާ ވީޑިއޯއެއްވަނީ ސޯޝަލް މީޑިއާގަ ޢާއްމުވެފައެވެ.

މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ކުނިތައް އުކާލަން ދިއުމުން ވެމްކޯއިން ހުއްދަ ދީފަ ނުވާކަމަށެވެ. ނަމަވެސް ވެމްކޯގެ ކުރިމައްޗަށް މަގަށް ޕިކަޕުގައި ހުރި ކުނިތަށް އަޅާލުމަކީ ގަސްތުގަ ހިންގި ޢަމަލެއް ނޫންކަމަށެވެ. މިއީ މުވައްޒަފުންގެ އިހުމާލުން އެރި އޮޅުކަމުންވީ ކަމެއްކަމަށާ، އެއީ ވަރަށް ނާތަހުޒީބު ޢަމަލެއްގެގޮތުގައި ނަރީޝް ސިފަކުރެއްވިއެވެ. އަދި އެކަމަށް ވެމްކޯގެ ކިބައިންވަނީ މަޢާފަށް އެދިފައެވެ.

"ވެހިކަލްގަތިބި މުވައްޒަފުންނާއި އެވަގުތު އެކަން ބަލަހައްޓަށް ތިބި ސުޕަވައިޒަރުންނާ ދެމެދު އެރި އޮޅުމަކުން ކުނިތަށް މަގަށް އަޅާލެވުނީ. މިއީ ނާތަހުޒީބު ކަމެއްކަމަށް ޤަބޫލުކުރަން. އެކަމަށް މާފަށްވެސް އެދެން." ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން ކުނި ނަގަންޖެހުނީ، އެމަސައްކަތް ސިޓީ ކައުންސިލުން ހަވާލުކޮށްފަވާ ވެމްކޯއިން އޭގެ ޒިންމާ އެކަށީގެންވާގޮތުގަ އަދާ ނުކުރުމުންކަމަށެވެ. މާލޭގެ މަގުތަށް ސާފު ތަނެއްގެ ގޮތުގަ ބޭއްވުމަށް ސިޓީކައުންސިލުން ކޮންމެ މަހަކު، 3.1މިލިއަން ރުފިޔާ ވެމްކޯއަށް ޚަރަދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައަށް ޙައްލުގެނައުމަށް ވެމްކޯއާއެކު މަސައްކަތްތައް ކުރަމުންދާކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. ސިޓީ ކައުންސިލްގެ އެންމެ ބޮޑު ބޭނުމަކަށްވާނީ މާލޭގެ މަގުތަކަކީ ދުޅަހެޔޮ ސާފުތަނެއްގެ ގޮތުގަ ބޭއްވުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިކަމަށް ބޭނުންވާ އެއްބާރުލުން ވެމްކޯއިން ނުލިބޭނަމަ، މިކަމަށް އެހެން ޙައްލެއް ހޯދަންޖެހިދާނެކަމަށް ނަރީޝްވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުރަތަމަ މަސައްކަތްކުރަނީ މަޝްވަރާކުރުމަށްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.