ޚަބަރު

އަސްލަމްގެ މަރުގެ މައްސަލަައިގަ މަޖިލީހަށް ކުއްލި މައްސަލައެއް


ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ޢާއިލާއިން ކުރާ ތުހުމަތު ތަޙްޤީޤުކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ. 

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. މިމައްސަލައިގައި ބުނެފައިވަނީ ހުޅުމާލޭ ޖަލުގައި 3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ.ވާދޫ ޖަނަވަރީގެ ޢުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު، މުޙައްމަދު އަސްލަމްގެ މަރުގެ މައްސަލަ ޢާއިލާއަށް ނާންގާ ސިއްރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޢާއިލާއިން ބުނަމުންދާކަމަށެވެ.

ހުޅުމާލޭ ޖަލުގައި އޭނާ ހުއްޓާ ބަލިވެގެން ހުޅުމާލޭ ހޮސްޕިޓަލަށް އިއްޔެ ހަވީރު 5:30 ހާއިރު މުޙައްމަދު އަސްލަމް ގެންދެވިފައިވާ ކަމަށާއި ނަމަވެސް ޢާއިލާއަށް މިކަމުގެ މަޢުލޫމާތު ލިބިފައިވަނީ އަސްލަމް ނިޔާވެއްޖެ ކަމަށްބުނެ އެހެން ފަރާތަކުން ގުޅާފައި ދިން މަޢުލޫމާތަކުން އިރުއޮއްސި ހަތެއްޖެހިފަހުން ކަމަށެވެ. ނިޔާވިތާ އެތައް އިރެއްވީއިރުވެސް އާއިލާއަށް އަސްލަމް ނިޔާވެފައިވާކަން އަންގާފައިނުވާކަމަށް ވަނީ ބުނެފައެވެ.  

ކަރެކްޝަނުން ބުނެފައިވަނީ ނިޔާވެފައިވަނީ ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ، އުމުރުން 40 އަހަރުގެ މުޙައްމަދު އަސްލަމް ކަމަށެވެ. އޭނާ ރޭ ގާތްގަނޑަކަށް 6:00 ޖަހާ އެހާކަށްހާއިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން އިމަރޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ ނިޔާވެފައިވާ ކަމަށް ރޭ 20:23 ގައި މައުލޫމާތު ދީފައިވާކަމަށެވެ.

އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ މީހެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ މީހެއް ނޫންކަމަށް ކަރެކްޝަނުން ބުނެއެވެ.

އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.